ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކޮށްފި އެވެ.

އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ ސިވިލް ސާރވިސް މަގާމަކަށް ވިޔަސް، މި މަގާމުތަކުގައި ތިއްބެވި ބޭފުޅުން މި ހަފްތާތެރޭގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އަދި އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރި އެހެން ސިވިލް ސާރވިސް މުވައްޒަފުން ރައީސް މުއިއްޒު އަލަށް އުފެއްދެވި "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފަވާކަމަށް ސިވިލް ސާރވިސް ކޮމިޝަނުން ވަނީ ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފަ އެވެ.
ސިވިލް ސާރވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން އަތޮޅު ކައުންސިލްތައް މިހާރު އުވިފައިވާތީ ހުރިހާ ސެކްރެޓަރީ ޖެނެރަލުން ވަޒީފާ އިން ވަކިކުރީ ކަމަށެވެ. އެ މަގާމަކީ ސިވިލް ސާރވިސް މަގާމެއް ކަމުގައިވިޔަސް، އެ މަގާމުތަކަށް މީހުން ނަގަނީ ކައުންސިލްތަކުގެ ދައުރުގެ މުއްދަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް ރަސްމީކޮށް އުވާލައިފި
ރަޝީދު ވިދާޅުވީ، ގިނަ ސެކްރެޓަރީ ޖެނެރަލުންގެ ކޮންޓްރެކްޓް ހަމަވާނީ މިއަހަރުގެ ނޮވެމްބަރު މަހުގައި ކަމަށާއި، ކޮންޓްރެކްޓް ހަމަވުމުގެ ކުރިން އެ ބޭފުޅުން ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީ ޕޮލިސީގެ ދަށުން ކަމަށެވެ.
އަތޮޅު ކައުންސިލްތަކުގައި މަސައްކަތްކުރި އެހެން ސިވިލް ސަރވިސް މުވައްޒަފުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އަލަށް އުފެއްދެވި އަތޮޅު އޮފީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ސިވިލް ސާރވިސް ކޮމިޝަނުން ފަށާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އުސޫލުގެ ތެރެއިން އެ މުވައްޒަފުން އަތޮޅު އޮފީސްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރަޝީދު ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތްގޮތަށް ރައީސް މުއިއްޒު އުފެއްދެވި އަތޮޅު އޮފީސްތަކަށް ކިޔާނެ ނަމެއް އަދިވެސް ރަސްމީކޮށް ފާސްވެފައި ނުވާކަން ވެސް ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދެއްވާފަ އެވެ. މި އޮފީސްތަކަށް ކިޔާނެ ނަމެއް ނުނިންމިގެން އެތައް ޚިދުމަތްތަކެއް ހުއްޓިފައިވާތީ، މީގެ ކުރިން ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ސިވިލް ސާރވިސްގެ މަގާމެއްގައި ތިއްބެވި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރީ، އެ މަގާމުތަކަށް ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ވާގިވެރިވާނެ ބަޔަކު އައްޔަންކުރުމަށް ކަމަށެވެ.