އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު ޕާޓީގެ ސަފުތައް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ބޭއްވުން ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު ކެމްޕޭން" ނިންމާލުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވީ އޭނާގެ ޗެއަރޕަރސަން ކަމެއްގައި، އޭނާއަށް ތާއީދުކުރާ މެންބަރުންނާއި ތާއީދު ނުކުރާ މެންބަރުންނަށް ވެސް ޕާޓީގެ އެންމެ ކުރީ ސަފުން ޖާގަ ކަށަވަރުކޮށްދޭނެ ކަމަށެވެ. އެމްޑީޕީއަކީ އެންމެންގެ ބައިވެރިވުން އޮންނަ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ބޭއްވުމަކީ އޭނާގެ ތަސައްވުރެއް ކަމަށާއި، މި އިންތިޚާބަށް ނުކުމެ ހުރީ އެ މަގްސަދު ހާސިލުކުރުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.

ކެމްޕޭނުގައި ރަށްރަށަށް ކުރި ދަތުރުތަކުން ފާހަގަވި ކަންކަމަށް އަލިއަޅުއްވާލައްވަމުން މީކާއިލް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ލިބުނު ނާކާމިޔާބީގެ ހިތި ހަނދާންތައް އާންމު މެންބަރުން އަދިވެސް އާކުރަމުންދާ ކަމަށެވެ. ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުން ވެރިކަން ބީވެގެން ދިޔުމަކީ ގައުމަށް ލިބުނު އިއާދަނުކުރެވޭ ފަދަ ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި މިހާރުގެ ސަރުކާރުން ނޫސްވެރިން ހައްޔަރުކުރުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން މީހުން ވަކިކުރުމާއި، އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައް މެދުކެނޑެމުންދާ ދިއުމަކީ އެމްޑީޕީ ބައިބައިވުމުގެ ނަތީޖާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މި ޕާޓީއަކީ ކޮންމެ ހަސަބަކުން އައިސް، ކޮންމެ ނަސަބަކުން އައިސް، ޒުވާނުންނަށް ވެސް، އަންހެނުންނަށް ވެސް، އަދި ހުރިހާ އެންމެނަށް މި ޕާޓީގެ އެންމެ މަތީ މަޤާމާ ހަމައަށް ވެސް ވާސިލުވެވޭނޭ ޖާގަ އޮތް ޕާޓީއަކަށް ހަދަން ބޭނުން ކަމަށް ވާނަމަ، ޖޫން ބާރަ ވާ ހުކުރު ދުވަހު ތި ބޭފުޅުން އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް ތި ބޭފުޅުންގެ ވޯޓު ދެއްވާފަ. މި ޕާޓީއަކީ ޙަޤީޤީ މާނައިގައި ޒުވާނުންނަށް ޖާގަ އޮތް ޕާޓީއެއްކަން މި ދިވެހިރާއްޖޭގެ ޒުވާނުންނަށް ދައްކަން ބޭނުން ނަމަ، ބާރަ ޖޫންގައި ތިބޭފުޅުން، އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް އިތުބާރު ކުރައްވާ. މި ޕާޓީއަކީ މި ޕާޓީގެ ރިޔާސީ ރޭހަށް، ރިޔާސީ ޕްރައިމަރީއަށް ޝައުޤުވެރިވާ ހުރިހާ ރިޔާސީ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު އޮންނާނޭ މި ޕާޓީގެ ތިލަފަތް ވަކި އަތަކަށް ބުރަނުވާނޭ ޕާޓީއަކަށް ހަދަން ބޭނުންނަމަ، އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް ތިބޭފުޅުންގެ ފާހަގަ ޖައްސަވައި، މި ޕާޓީއަކީ އެތެރޭގެ އިންތިޚާބެއްގައި ނަގާ ކޮޅެއްގެ ސަބަބުން ތިބޭފުޅުންގެ ސިޔާސީ މުސްތަޤުބަލްގެ ކުރި މަރާލައި ޕާޓީއެއްގެ ގޮތުގައި ބާއްވަން ބޭނުންނުވާ ނަމަ، އަޅުގަނޑު މީކާއީލު އަޙްމަދު ނަސީމަށް އިތުބާރުކުރައްވާ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ކޮންމެ ފަދަ ނަސަބަކުން އައި މީހަކަށް ވެސް، އަދި ޒުވާނުންނާއި އަންހެނުންނަށް ވެސް ޕާޓީގެ އެންމެ މަތީ މަގާމުތަކަށް ވާސިލުވެވޭނެ ފުރުސަތު އޮތް ޕާޓީއަކަށް ހަދަން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ، ޕާޓީގެ ތިލަފަތް ވަކި އަތަކަށް ބުރަނުވާނެކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މުއިއްޒުގެ ސަރުކާރުގެ "އަނިޔާވެރިކަން" ނިމުމަކަށް ގެނައުމަށްޓަކައި ޕާޓީގެ ސަފުތައް އަލުން ރުކުރުވާލަން ޖެހޭ ކަމަށާއި، އެކަން ކުރެވޭނީ ލީޑަރޝިޕަށް އިތުބާރު އޮވެގެން ކަމަށް މީކާއިލް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ޖޫން މަހުގެ 12 ވާ ހުކުރު ދުވަހު ބާއްވާ އިންތިޚާބުގައި އޭނާއަށް ވޯޓު ދެއްވުމަށް މީކާއިލް ވަނީ މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މީކާއިލްގެ ވާހަކަ ނިންމާލަމުން ވިދާޅުވީ، އެމްޑީޕީއަކީ ފަހު މެންބަރާ ހަމައަށް ވެސް ވަފާތެރިވާނެ ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި އިންތިޚާބު ބޮޑުތަނުން ކާމިޔާބުކޮށް، ޕާޓީގެ މުސްތަގުބަލު އުޖާލާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.