ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލައިފި އެވެ. 

ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެ އޭނާ ޖަލަށްލާން ހުކުމް ކުރީ އަންގާރަ ދުވަހު އެވެ. ޝަމްއާންގެ މައްޗަށް ތިން ދައުވާ އެއް ދައުލަތުން އުފުލާފައިވެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވާކަމަށް އަންގާރަ ދުވަހު އޮތް އަޑުއެހުމުގައި ގާޒީ އިބްރާހިމް އިޙްސާން ވަނީ ކަނޑައަޅުއްވާފަ އެވެ. 

އަދި އޭނާ މިހާރު ހުރީ ހުކުމް ތަންޒީފު ކުރަމުން ދަނީ މާފުށީ ޖަލުގަ އެވެ. ނަމަވެސް އޭނާ އަކީ ދައުލަތުގެ އިސް މަގާމެއް އަދާކޮށްފައިވާ މީހަކަށް ވުމުން އޭނާއަށް ޖަލުގައި ހާއްސަ އިނާޔަތްތަކެއް ލިބެ އެވެ. ނަމަވެސް އެއިން ބައެއް އިނާޔަތްތައް ވަނީ ކަނޑާލާފަ އެވެ. 

ރާއްޖެއެމްވީއަށް ނަންނުޖަހަން ޝަރުތުކޮށް މައުލޫމާތު ދިން ޖަލު އޮފިސަރެއް ބުނީ ޝަމްއާން ބަހައްޓާފައި ހުރި ގޮޅީގެ އޭސީ ބުދަ ދުވަހުގެ ވަގުތެއްގައި ވަނީ ނައްޓާލައިގެން ގެންގޮސްފަ އެވެ. މީގެ އިތުރުން ކުރިން ބަންދުގައި ހުރި އިރު ހަފްތާއަކު 2 ފަހަރު ބައްދަލުކުރުމުގެ ފުރުސަތު ދިން ނަމަވެސް ހުކުމާއެކު މަހަކު އެއްފަހަރު ބައްދަލުކުރާ ގޮތަށް ހަދާފައިވާ ކަމަށް އޮފިސަރު ވަނީ ބުނެފަ އެވެ. 

ސްޕެޝަން ޕްރޮޓެކްޝަން ދޭންޖެހޭކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނާ މެދު އަމަލުކުރާ އުސޫލުގެ 6 ވަނަ ނަންބަރުގެ (ށ) ގައި ބުނެފައިވަނީ ސްޓޭޓް މިނިސްޓަރުން، ނައިބުން އަދި ނައިބު ފެންވަރުގެ މަގާމެއް އެއްވެސް އިރެއްގައި އަދާކޮށްފައިވާ މީހެއް ނަމަ ސްޕެޝަން ޕްރޮޓެކްޝަން ދޭންޖެހޭ ކަމަށެވެ. 

އެގޮތުން މި އުސޫލުގެ 7 ވަނަ ނަންބަރުގައި ބުނެފައިވަނީ ސްޕެޝަލް ޕްރޮޓެކްޝަން ދިނުމަށް ކަނޑައަޅާފައި ތިބޭ ފަރާތްތައް ބައިތިއްބަން ވާނީ ސްޕެޝަން ޕްރޮޓެކްޝަން ދޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޔުނިޓްތަކުގަ އެވެ. އަދި މި ޔުނިޓްގައި ކޮންމެ 2 މީހަކަށް ކޮޓަރިއެއް ހުންނަންވާނެ ކަމަށާއި، މި ކޮޓަރިތަކުގައި އޭސީ ކުރެވި، އެޓޭޗްޑް ފާހާނާއެއް ހުންނަންވާނެ ކަމަށެވެ. 

މީގެ އިތުރުން މި އުސޫލުގެ 13 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވަނީ ގައިދީންނަށް ނުވަތަ ބަންދު މީހުންނަށް ހަފްތާއަކު 1 ފަހަރު ނުވަތަ 2 ފަހަރު ގަޑިއިރަށް ޖަލުގެ ސަރަހައްދުގައި އެމީހުންގެ އާއިލާއާއި ބައްދަލުކުރުމުގެ ފުރުސަތު ދޭންވާނެ އެވެ.