ކާބޯތަކެތި
ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ ހަރުކަށި އުސޫލުތަކެއް ހިމެނޭ
"ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" އާންމުކޮށްފިއެވެ.

 މި ގަވާއިދުގެ ދަށުން، ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް
ލޭބަލްކޮށްގެން ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، އެފަދަ ތަކެތި ބަންދުކޮށް ގަނެވިއްކުމަކީ
މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގައިވާ
ގޮތުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އިހުމާލުވެގެން މީހެއްގެ ސިއްޙަތަށް
ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް
މެދުވެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި އެއް މިލިއަން ރުފިޔާއާ ހަމައަށް
ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން،
އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ކާބޯތަކެތި ވިއްކައިފި ނަމަ 10،000 ރުފިޔާއާއި
750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި
ބަންދުކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު، ކޮންމެ އެއްޗެއްވެސް ބަންދުކުރަންވާނީ
"ފުޑް ގްރޭޑަޑް" މެޓީރިއަލްއެއް ބޭނުންކޮށްގެންނެވެ. ވަކިން ހާއްސަކޮށް،
އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ތައްޔާރުކޮށްފައި ހުންނަ ޕެޓު ފުޅި ފަދަ ޕްލާސްޓިކު
ފުޅިތަކަށް ކާބޯތަކެތި އަޅައި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. މިފަދަ
ބަންދުކުރުމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ
ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މި އާ ގަވާއިދަށް
އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ މިންގަނޑުތަކަށް
ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
އެހެންކަމުން، މިހާރު ބާޒާރުގައި ހުރި ތަކެތި މި މުއްދަތުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް
އިސްލާހުކުރަން ޖެހޭނެއެވެ.

ޖޫރިމަނާގެ
އިތުރުން، މި ގަވާއިދުގައި މަނާކޮށްފައިވާ ކަމެއް ކުރުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން
ނުވަތަ ރާއްޖޭގެ އެހެން ގާނޫނެއްގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިވާ
ކަމެއް ނަމަ، އެ ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމުގެ އިހުތިޔާރުވެސް ކަމާބެހޭ
މުއައްސަސާތަކަށް ލިބިގެންވާ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.