ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ، 09 ޖޫން 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އަތުލައިގަނެފައި ވަނީ 8 ކިލޯ 490 ގުރާމްގެ ހަޝިޝް އޮއިލް ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ ތަކެތީގެ މަަގުމަތީ އަގު، 6 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
ދޭތެރެދޭތެރެއިން ކަސްޓަމްސްއިން ދަނީ ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.
އެގޮތުން މެއި މަހުގެ ތެރޭގައި ވެސް 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އޭޕްރީލް މަހުގެ ތެރޭގައި ވެސް 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ދިވެހީންނާއި ބިދޭސީން ވެސް ހައްޔަރުކޮށްފައިވެ އެވެ.