ފުޓްބޯލް
އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް
ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގައި ހިމެނޭ އަމީން އެވެނިއުގެ
2 އެޕާޓްމަންޓުގެ މުއާމަލާތު ކުރުން ހުއްޓުވުމުގެ އަމުރެއް ދިވެހިރާއްޖޭގެ ހައިކޯޓުން
ނެރެފިއެވެ.

ކްރިމިނަލް
ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އެ ކޯޓުން
ކަނޑައެޅިއިރު، އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އަމީން
ކޮންސްޓްރަކްޝަން ގެ އަމީން އެވެނިއު 2  އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތު ނުވާކަމަށާއި،
އެ ފައިސާއަކީ އެފްއޭއެމް އާއި އަމީން ކޮންސްޓްރަކްޝަން އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

އެހެންވެ،
އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން
ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ޕީޖީ
އޮފީހުން ބުނީ އެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް މައްސަލަ
ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައި ވަނީ ގާނޫނީ ހަމަތަކާ ޚިލާފަށް ހެކި ވަޒަން
ކޮށްގެން ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އަދި އެ ދައުވާ ސާބިތު ކުރުމަށް
ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު
ނިންމަވާފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ވެސް ޕީޖީ އޮފީހުން ދެކޭ ކަމަށެވެ.

މައްސަލަ
ހުށަހެޅުމަށްފަހު ޕީޖީ އޮފީހުން ވަނީ ވަގުތީ އަމުރެއްވެސް ނެރެދިނުމަށް އެދިފައެވެ.
އެގޮތުން ވަގުތީ އަމުރާ ގުޅޭގޮތުން ޕީޖީ އޮފީހުން ހައިކޯޓުގައި ބުނެފައިވަނީ، މި
މައްސަލައިގެ ތަހުގީގު މަރުޙަލާއާއި، ދަށު ކޯޓުގެ ޝަރީއަތުގެ މަރުޙަލާގައިވެސް މި
މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

މީގެ އިތުރުން،
މި މައްސަލަ މިހާރު ހުށަހެޅި ބަލައިގެންފައިވުމާއި، މައްސަލައިގައި ހައިކޯޓުން
ގޮތެއް ކަނޑައެޅުމުގެ ކުރިން މުދަލުގެ އަސްލު ގެއްލޭފަދަ އެއްވެސް މުއާމަލާތެއް
ކޮށްފިނަމަ މި މައްސަލައިގައި ދައުލަތުން އެދިފައިވާ ފަރުވާ ހޯދައިދިނުމުގެ
ފުރުސަތު ބަންދު ވެދާނެކަމަށްވެސް ޕީޖީ އޮފީހުން ހައިކޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން
މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ
ދަށުން ކޯޓުން އެހެން ގޮތެއް ކަނޑައެޅުމާ ހަމައަށް އަމީންގެ ދެ އެޕާޓްމަންޓުގެ މިލްކުވެރިކަމަށް
ބަދަލެއް އައިސްދާނެ ފަދަ ކަމެއް ހިމެނޭ ގޮތުން އެޕާޓްމަންޓާ ގުޅޭ އެއްވެސް މުއާމަލާތެއް
ނުކުރުމަށް އަންގައި ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައިކޯޓުގައި
މި އަމުރު ނެރުއްވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު މުޙައްމަދު ޝަނީޒް
އަބްދުﷲ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްއެވެ.

ޕީޖީ
އޮފީހުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި އެދިފައިވަނީ، އެއް މިލިއަން
ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ
ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް
އަލުން ވަޒަންކޮށް، އެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާމެދު
އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ.

އަދި މި
ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަން ގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމަށް
އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް އެ ކޯޓުން ނިންމި ނިންމުންވެސް 2
މާރިޗު 2026 ގައި ޕީޖީ އޮފީހުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.