ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ކުރި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، ކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ފުލުހުންގެ ޚިދުމަތުގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން މިވިދާޅުވީ، 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ކުރެއްވި ތުހުމަތުތަކާ ގުޅިގެންނެވެ.

ބުދަ ދުވަހު އެކްސްގައި މިނިސްޓަރު އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށާއި، ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް ކަމަށެވެ.  އަދި އޭނާ އެ ހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި ހާމަކުރިކަން މިނިސްޓަރު އިހުސާން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ޝަމްއާން ފްރޭމް ކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު ކަމަށެވެ. އަދި މި މައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. 

މި މަހުގެ 9 ވަނަ ދުވަހު ޝަމްއާން މައްޗަށް 3 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ޝަރީއަތަށް ހާޒިރުވެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައްމާން ވިދާޅުވީ، އޭނާ ފްރޭމްކުރުމުގެ މައްސަލަ ފެށުނީ މިނިސްޓަރ އިހުސާނާއި ގުޅުން ހުރި ކޮރަޕްޝަންގެ ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައި ހިސާބުން ކަމަށެވެ. 

ބިދޭސީންގެ ކޯޓާގެ ކަންކަން ރަނގަޅަށް ނުދާކަން ސަމާލުކަމަށް އައި ހިސާބުން އެކަން ހިނގާ ގޮތް ބަލާފައިވާނެ ކަމަށާއި މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ އަމަލުތައް ހާމަވި ހިސާބަކީ އެއީ ކަމަށެވެ. އެކަން ރައީސަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް ފިޔަވަޅެއް ރައީސް އަޅުއްވާފައި ހުންނެވުމަކީ އެއީ ރައީސް އަށް ވެސް އެކަން އެނގޭކަން ހާމަވާ ކަމެއް ކަމަށް ޝައްމާން ތުހުމަތު ކުރެއްވި އެވެ. 

މީގެ އިތުރުން މިނިސްޓަރު އިހުސާނު ލައްވާ ބަގްލަދޭޝްގެ ވާރކް ޕާމިޓް އެޕްރޫވް ކޮށް ކޯޓާއަށް ކޮރަޕްޝަންގެ ގޮތުގައި 8000  ރުފިޔާ ނަގާކަން ޔަގީންކޮށްފައިވާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު އަށް އެވާހަކަ އެންގި ހިސާބުން އޭނާ އަށް ތަފާތު ތުހުމަތުތައް ކުރަން ފެށި ކަމަށް ވެސް ވިދާޅުވި އެވެ.

ޝައްމާން އަށް ކުރާ ތުހުމަތުތަކާ ގުޅުން ހުރި ބިދޭސީ މީހާ ދޫކޮށްލީ ވެސް ސީދާ މިނިސްޓަރު އިހުސާންގެ އެންގުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.