ދިވެހިރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އެބައޮތް ކަމަށާއި، އެ ޖަންޕު ނުޖަހައިފިނަމަ ވެއްޓޭނީ އަނދަވަޅަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ނ. ހޮޅުދޫގައި ބޭއްވި ބޮޑު ބަދަލު ކެންޕޭންގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި، އެބަދަލުތައް ގެނެވޭނީ އެމްޑީޕީ އަށް ކަމަށެވެ.
ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށާއި، ބޮޑު ޖަންޕެއް ޖަހަން ޖެހޭ ކަމަށެވެ. އަދި އެޖަންޕު ނުޖަހާނަމަ އަނދަވަޅަކަށް ވެއްޓޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދުނިޔެވީ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށާއި، އެތިބި ތަނުގައި އަބަދު ނުތިބެވޭނެ ކަމަށެވެ. މައްޗަށް ނުވަތަ ދަށަށް ދާން ޖެހޭ ކަމަށާއި، އެ މަގު އިހުތިޔާރު ކުރުމުގެ ބާރު އެބައޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިސްތަގުބަލް ވަރަށް އުޖާލާ. އަޅުގަނޑުމެންނަށް ފެންނަން އެބައޮތް ދިވެހިރާއްޖެއަށް ބޮޑު ޖަންޕެއް ޖެހެން އޮތްކަން. މިހާރު މިތިބިތަނުން މާ ބާރަށް މައްޗަށް ފުންމާލެވެން އެބައޮތްކަން. ނުފުއްމާފިނަމަ ވެއްޓޭނީ އަނދަވަޅަކަށް. ހުރި ތަނުގައި ތިބުން އެއީ އަސްލު ހަގީގަތުގައި ކުރެވެން އޮތް ކަމެއް ނޫން. މި ހަދަހަދާ ތިބޭގޮތް ހަދަހަދާ ތިބެވޭކަށް ނެތް. އެހެން އަޅުގަނޑުމެން ވިސްނާފިނަމަ އަޅުގަނޑުމެންވާނީ ނިކަމެތި. ބޮޑު ބަދަލެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ މި ސަބަބަށްޓަކައި، ތިބެވެން ނެތުނީމަ.ކުރީގެ ރައީސް މުހައްމަދު ނަޝީދު
މީގެ އިތުރުން ނަޝީދު ވަނީ ރާއްޖޭގެ ތަރައްގީއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.
ނަޝީދު ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށްޓަކައި، އެރަށެއްގެ އިހުތިސާސްގައި ހިމެނޭ ހުރިހާ ކަމެއް ނުވަތަ ހުރިހާ އެއްޗެއް އެރަށަށް ދޭން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމުކޮށް އެންމެ ބޭނުންވަނީ މި ރަށްރަށުގެ މިލްކިއްޔާތު މި ރަށްރަށަށް ދިނުން. އެއީ އަޑީގައި ހުރި ހޮޅިއަށް ވިޔަސް ނަރަށް ވިޔަސް އަދި މަތީގައި ހުރި ގަހަށް ވިޔަސް ބިމަށް ވިޔަސް. އަދި އުޑުގައި އޮތް ވަޔަށް ވިޔަސް. މިރަށުގެ އިހުތިސާސްގައި ހޮޅުދޫގެ އިހުތިސާސްގައި ހިމެނޭ ހުރިހާ އެއްޗެއް އެއީ ހޮޅުދޫގެ މިލްކަކަށް އެބަވާން ޖެހޭ. މިކަމުގައި ހިންގާ ހުރިހާ ކަމަކީ އެއީ މިތަނުން ކައުންސިލުން ހިންގާ ކަމަކަށް އެބަ ވާން ޖެހޭ. ބޯހިޔާވަހިކަން ވެސް އެބަ ފޯރުކޮށްދޭން ޖެހޭ. އެ މަސައްކަތްތައް ކައުންސިލްތަކުން ހިންގާ މަސައްކަތްތަކަކަށް ވާން ޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަންކަން ހިންގޭނެ.ކުރީގެ ރައީސް މުހައްމަދު ނަޝީދު
ނަޝީދު ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުގެ ފުރިހަމަ ބާރުވެރިކަމާއެކު މުޅި ރާއްޖެ އެކުއެކީގައި ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ އާމްދަނީ ވެސް ދެގުނަ ކުރެވޭނެ ކަމަށެވެ.