ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ
ސަރުކާރުގެ ހިންގުމުގެ ވައްޓަފާޅިއެއް އަދި ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން،
ސަރުކާރުގެ ޙާލަތު ދުވަހުން ދުވަހަށް ދަށަށް ދަމުންދާ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ
(ޑީޑީ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި
ވާހަކަދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ، ރައީސް މުއިއްޒުގެ ކިބައިގައި ވެރިކަން ކުރުމުގެ
ޤާބިލުކަން ނެތްކަން މިހާރު އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާ
ކަމަށެވެ.
ސަރުކާރުގެ ތެރޭގައި އޮތް ނުތަނަވަސްކަމަށް އަލިއަޅުއްވާލައްވަމުން
ޑރ. ޑީޑީ ވިދާޅުވީ، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ފަހަރަކު
ބޭފުޅަކު ރައީސް މުއިއްޒު ދޫކުރައްވައި ވަޑައިގަންނަވަމުންދާ ކަމަށެވެ. އަދި ވަޒީރުންގެ
މަޤާމުތަކަށް ތަކުރާރުކޮށް ބަދަލުތައް ގެންނަން ޖެހުމަކީ ސަރުކާރުގެ ހަރުދަނާކަމެއް
ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ޙާލަތު މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް، އެއީ ރައީސް މުއިއްޒުގެ ވެރިކަން ކުރުމުގެ އެއްވެސް ކަހަލަ ވައްޓަފާޅިއެއް އަދި ހަރުދަނާ ސިޔާސަތެއް ނެތްކަން، ރައީސް މުއިއްޒުގެ އަރިހުގައި ތިއްބަވާ ބޭފުޅުންނަށްވެސް އެކަން އެބަ އެނގިވަޑައިގަންނަވާ. ފަހަރަކު ބޭފުޅަކު އެ ގެންދަވަނީ ރައީސް މުއިއްޒު ދޫކުރައްވާ ވަޑައިގަންނަވަމުން، އެކި ވަޒީރުންގެ މަޤާމު ދަނީ ބަދަލުވަމުން،ޑރ. އިބްރާހިމް ދީދީ (ޑީޑީ)
ޑރ. ޑީޑީ ސިފަކުރެއްވި ގޮތުގައި، ސާފު ސިޔާސަތެއް
ނެތުމުގެ ސަބަބުން ރައީސް މުއިއްޒު މިހާރު ހުންނެވީ ހަގީގަތުގައިވެސް "ހަތަރު
އަނގޮޅި ކަންމައްޗެއްގައެވެ."
މީގެ އިތުރުން، ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް
އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ޑރ. ޑީޑީ ވިދާޅުވީ، އަސާސީ ޚިދުމަތްތައް
ހޯދުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން
ބޭސް ސިޓީއަށް ބޭސް ނުލިބުމުގެ މައްސަލައާއި، ކިޔަވާ ކުދިންނަށް ދޫކުރާ ސްޓޫޑެންޓް
ލޯނު ވަގުތަށް ނުލިބުމުގެ ސަބަބުން ބެލެނިވެރިން އުފުލަންޖެހޭ ތަކުލީފުތައް އޭނާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ދާއިރާއިން ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން
ޑރ. ޑީޑީ ވިދާޅުވީ، ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ތަކެތީގެ އަގު ބޮޑުވަމުންދިއުމަކީ
އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމެއް
ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް
ހުއްޓިފައި ހުރުމަކީވެސް ސަރުކާރުގެ ނާޤާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޑރ. ޑީޑީގެ ވާހަކަފުޅުގައި ބޮޑަށް ބާރުއެޅުއްވީ،
ސަރުކާރުގެ މިސްރާބު އޮޅި، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރު
ނުކުޅެދިފައިވާ މިންވަރުގެ މައްޗަށެވެ. މި ހުރިހާ މައްސަލަތަކެއްގެ އަސްލަކީ ރައީސް
މުއިއްޒުގެ ހަރުދަނާ ސިޔާސަތެއް ނެތުން ކަމަށް ވިދާޅުވެ، ޑރ. ޑީޑީ ވަނީ ސަރުކާރުގެ
ހިންގުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.