ހޯމަ ދުވަހުގެރޭ
ރާއްޖެއަށް 200 އެއްހާ ޙައްޖުވެރިން އައިއިރު، އޭގެ ތެރެއިން ގިނަ ޙައްޖުވެރިންގެ ފޮށިތައް
ރާއްޖެއަށް ނުގެނެވުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެކަމާ
ގުޅިގެން މައުލޫމާތު ހޯދާލުމަށް ރާއްޖެއެމްވީން ޙައްޖު ކޯޕަރޭޝަނަށް ގުޅާލުމުން އެ
އިދާރާއިން ބުނީ، ހައްޖުވެރިންގެ ފޮށިތައް ނުލިބުނީ ސައުދީ އެއާލައިންގެ ޓެކްނިކަލް
މައްސަލަތަކެއް ދިމާވެގެން ކަމަށެވެ. އަދި އެކަން ދިމާވީ އެއާލައިންގެ ޓެކްނިކަލް މައްސަލަތަކެއް
ދިމާވެގެން ގިނަ އަދަދެއްގެ ފޮށިތައް ލޯޑު ނުކުރެވިގެން ކަމަށް އެ އިދާރާއިން
ބުނެއެވެ.

މީގެ
އިތުރުން، މި މައްސަލައާ ގުޅިގެން ސައުދީ އެއާލައިންއިން މައުލޫމާތު ހޯދާލުމުން،
އަންގާރާ ދުވަހުގެރޭ އަންނަ ފްލައިޓުން ފޮށިތައް ލިބޭނެ ކަމަށް މައުލޫމާތު
ލިބިފައިވާކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަނުން
ބުނީ ހައްޖުވެރިންނަށް އެ މައުލޫމާތު ނުދިނީ އޭރު އެކަން ނޭނގޭތީ ކަމަށާއި، ހައްޖުވެރިންނަށް
ގަސްތުގައި މައުލޫމާތު ސިއްރު ކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް ފަހުން ގިނަ އަދަދެއްގެ
ލަގޭޖު ނާންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ކޯޕަރޭޝަނުން ބުންޏެވެ.

ފޮށިތައް
ނުލިބުމުގެ ސަބަބުން ބައެއް މީހުންނަށް އެނބުރި ރަށަށް ނުދެވި މާލޭގައި ތިބެން ޖެހުނެވެ.

ހައްޖު ކޯޕަރޭޝަނުން
މައުލޫމާތު ދިނުމުގައި ލަސްވުމަކީ ހައްޖުވެރިންގެ ކަންބޮޑުވުން އިތުރުވި ސަބަބަކަށް
ވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. މި ފަދަ ހާލަތްތަކުގައި ވީހާވެސް
އަވަހަކަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.