ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) އާއެކު ފޮޓޯއެއް ނެންގެވި މައްސަލައެއްގައި، މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ފުރުއްވަމުން ގެންދެވި މަގާމު ސަރުކާރުން އުވާލައިފި އެވެ.

މިކަމާ ގުޅިގެން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޒުހައިރު ވިދާޅުވީ، ސަރުކާރު ބަލިކޮށް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރި ސޯބެ އަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާ ކަމަށެވެ. ސޯބެ ވާދަކުރަން ނިންމުމާއެކު، އެ ކެމްޕެއިންގައި މަސައްކަތް ކުރައްވާނެ ކަން އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވީ، އޭރުއްސުރެ އޭނާ ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ. ނަމަވެސް އުސޫލުގެ ތެރެއިން ވަޒީފާއިން ވަކިކުރެވޭނެ އެއްވެސް ގޮތެއް ނުފެނުމުން މަގާމު އުވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒުހައިރު އެ މަގާމަށް އައްޔަން ކުރެއްވީ އޭވިއޭޝަން ދާއިރާ އިން އޭނާގެ ހުރި ތަޖުރިބާއަށް ބަލައި އިންޓަވިއު މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހުގަ އެވެ. ނަމަވެސް ސިޔާސީ ކަމެއްގައި އޭނާ ފުރުއްވަމުން ގެންދެވި ޑިރެކްޓަރުގެ މަގާމު ކުއްލި ގޮތަކަށް އުވާލައިފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގަ އެވެ.

މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ ހާދިސާތަކާއި އެކްސިޑެންޓުތައް މިނިވަންކަމާއެކު ތަހުގީގުކޮށް، ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ.

ޒުހައިރަކީ އެއާ މޯލްޑިވްސްގެ ޒަމާނުން ފެށިގެން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ، ދާއިރާގެ ފަންނީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމާއި ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ވެސް ޒުހައިރު ވަނީ އަދާކުރައްވާފަ އެވެ.