ވޭސްޓް
މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެމުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ
ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ
ސަމާލު ކަމަށް ގެނަސްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މިކަން މަޖިލީހުގެ ސަމާލު ކަމަށް ވަނީ ގެނަސްފަ އެވެ. މެންބަރުގެ ސިޓީގައި ބުނީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ވެމްކޯއިން
އެންމެ ފަހުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޯބަރު
2024 ގައި ކަމަށެވެ.

އޭގެ ފަހުން މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާއިރު، އެ
ކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދާކަން
ފާހަގަ ކޮށްފައިވެ އެވެ. 

މުވައްޒަފުންގެ
މުސާރައިން ޕެންޝަން ފައިސާގެ ގޮތުގައި އުނިކުރާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާ
މައްސަލައާ ގުޅިގެން، 13 ޖެނުއަރީ 2026 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
އިން ނެރުނު ނޫސްބަޔާނުގައި އެ ކޯޕަރޭޝަނުން މުވައްޒަފުންގެ މުސާރައާއި
އިނާޔަތްތައް ދެމުންގެންދަނީ ކޯޕަރޭޝަނަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ
ސަބްސިޑީގެ އެހީތެރިކަމާ އެކުގައި ކަމަށް ފާހަގަ ކޮށްފައިވާ ކަން ސިޓީގައި ފާހަގަކޮށްފައި ވެ އެވެ. އަދި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް
ދައްކަންޖެހޭ 98 މިލިއަން ރުފިޔާ ލިބިފައިނުވާތީ، މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް
ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް ސިޓީގައި ވެ އެވެ.

އެހެންނަމަވެސް،
ކޯޕަރޭޝަނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ދިމާވާ މާލީ ދަތިކަމަކީ، މުވައްޒަފުންގެ
އަސާސީ ޙައްޤުތަކާއި ޤާނޫނީ އިލްތިޒާމުތައް ހިފެހެއްޓުމަށްޓަކައި ދެއްކޭނެ ޤާނޫނީ ހުއްޖަތެއް
ނޫން ކަމަށް ކުޑޫ ވިދާޅުވި އެވެ.  

ކުޑޫ ވިދާޅުވީ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގެ ދަށުން، ޕެންޝަން ލިބުމުގެ ޙައްޤަކީ
ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. މި ޙައްޤު ހިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ
ކޮންމެ ފަރާތަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޤަވާއިދުން ދެއްކުމަކީ ލާޒިމްކޮށްފައިވާ
އިލްތިޒާމެއް ކަމަށް ކުޑޫ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު ގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، މުވައްޒަފުންގެ މުސާރައިން
ޕެންޝަން ފައިސާ އުނިކުރުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފައިސާ ސްކީމަށް
ޖަމާކުރުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް ކަމަށް އެ ސިޓީގައި ވެ އެވެ.

މެންބަރު ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ
އަދަދު ކިތަންމެ ގިނަ ނުވަތަ މަދުވި ކަމުގައިވީ ނަމަވެސް، މި ޒިންމާއިން ބަރީއަވުމުގެ
ފުރުސަތެއް ޤާނޫނު ފަހިކޮށްދީފައެއް ނުވާ ކަމަށެވެ. ނަމަވެސް، މި ފައިސާ ޤަވާއިދުން ޖަމާނުކުރުމުގެ
ސަބަބުން، ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބެންޖެހޭ އިންވެސްޓްމަންޓް ފައިދާއާއި،
ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ ޒަރޫރީ މާލީ މަންފާތަކުން
މުވައްޒަފުން ދަނީ މަހްރޫމްވަމުން ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އެހެންކަމުން މިއީ
އެތައް ސަތޭކަ މުވައްޒަފުންނެއްގެ އަސާސީ ޙައްޤުތަކާއި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ
ނަޒާހަތްތެރިކަމާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ
'ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ' މެދުވެރިކޮށް މިކަން ބައްލަވައިދެއްވުމަށް އެދި މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި މި މައްސަލައިގައި ވެމްކޯއާއި ޕެންޝަން އޮފީހުގެ އިސްވެރިން
ޒިންމާދާރުކުރުވައި، ނުދައްކާ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ޖަމާކޮށް ނިންމާނެ
ގޮތުގެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް އެ ކޯޕަރޭޝަނަށް އެންގުމަށް ވަނީ އެދިފަ އެވެ.