ރާއްޖޭގެ މޫސުން ގޯސްވެ، ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

 ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރިފައިވަނީ މެންދުރު 12:45ން އިރުއޮއްސި 6:00 ށެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވާއިރު، ހޯމަ ދުވަހުގެ ހެނދުނު 10:00ން އަންގާރަ ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އެއިދާރާއިން ލަފާކޮށްފައިވެ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4 ނުވަތަ 7 ފޫޓު ހުންނާނެ ކަމަށެވެ. 

މީގެ އިތުރުން ހޯމަ ދުވަހު މާލެއަށް ބޯކޮށް ވާރޭވެހިފައިވާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވެ އެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ގދ.ކާޑެއްދޫ އަށެވެ. އެރަށަށް 90.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ގދ.ތިނަދޫ އަށް 55.9 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. 

މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.