ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގެއްލޭ ކޮންމެ ގޮނޑިއެއްގެ އިންތިޚާބު ނިމިގެންދާނެ ގޮތުގެ "ދެލި ކޮޕީ" އެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިން ދައްކާގޮތުން އެ އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އެވެ. 

މިކަމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ސޯބެ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ހިތަދޫ އުތުރުގެ ބައި-އިލެކްޝަނަކީ، ގާނޫނުން ކަސްތޮޅުއަޅުވައިގެން ރައީސް މުއިއްޒު ގެންގުޅުއްވާ ޕީއެންސީގެ ޕީޖީގެ ތެރެއިން ގެއްލުވާލާ ކޮންމެ ގޮނޑިއެއް ގެ އިންތިޚާބު ނިމިގެންދާނެގޮތުގެ "ދެލި ކޮޕީ" ކަން ރައީސް މުއިއްޒާއި ސަރުކާރުގެ ވެރިންނަށް މިހާރު މޭރުންވެވަޑައިގަންނަވާނެ ކަމަށެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރައްވާފައި ވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ހަތް ވޯޓު ފޮށިން އެމްޑީޕީ ގެ ކެންޑިޑޭޓް ސޯދިގު އަށް ލިބިފައިވަނީ 1337 ވޯޯޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސައީދު އަށް ލިބިފައިވަނީ 1312 ވޯޓެވެ.

މި ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ސިނާނުގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާނުގެ ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނަކަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދައްކާތީ އެވެ.