ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ގާއިމްކޮށްފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް ގާއިމްކޮށްފައިވާ ކަމަށާއި، އެ ކްލިނިކުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެެއްގެ މެންދުރު 2:00ން ރޭގަނޑު 10:00ށް ޚިދުމަތް ލިބޭނެ ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ، ހުންއައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ހޮސްޕިޓަލުގެ މައި ދޮރާށިކައިރީގައި ބެހެއްޓިފައިވާ ސްކްރީން ޑެސްކަށް އައުމަށް އެދޭ ކަމަށެވެ. އަދި ކްލިނިކަށް އަންނައިރު، މާސްކް އެޅުމަށް ވެސް އެދިފައިވެ އެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމުން އެބުރި އައުމަށްފަހު ހުން އައިސް ނުވަތަ ރޯގާގެ އެއްވެސް އަލާމަތެއް ހުރިނަމަ އަދި ސިއްހީ އެހީތެރިކަން ބޭނުންވާނަމަ ކުއްލި ފަރުވާދޭ ބައި، އީއާރް އަށް ގޮސް ޓްރަޔަޖް ޓޯކަން ނަންބަރަށް މަޑުނުކޮށް، ޓްރަޔަޖް ކައުންޓަރުގައި އިންނަ މުވައްޒަފަށް ރިޕޯޓު ކުރުަށް އެދޭ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ކުޑަ ކުދިންނާއި، މާބަނޑު މީހުން އަދި ދިފާއީ ނިޒާމު ބަލިކަށިި މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހި ހައްޖުވެރިން ރާއްޖެ އަންނަން ފަށާފައިވާއިރު، ކޮންމެ އަހަރެއްގައި ވެސް ހައްޖު މޫސުމަށްފަހު ހުމާއި، އެކިއެކި ރޯގާތައް ފެތުރޭ މިންވަރު އިތުރުވެގެންދެ އެވެ. އެހެންކަމުން ހައްޖުގެ އަޅުކަމަށް ގޮސްފައި އަންނަ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.