މަސްތުވާތަކެތި
އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި އިންޑިއާގެ ޒުވާނަކު، އޭނާ ރާއްޖެ އައީ ގުރުއަތުން
ހޮވިގެން ލިބުނު ފުރުސަތެއްގައި ކަމަށާއި، އޭނާއާ ހަވާލުކުރި ތަކެއްޗަކީ ރާއްޖެއަށް
ވިއްކަން ގެންނަ ސާމްޕަލްތަކެއް ކަމަށް ބުނެ ކޯޓުގައި ދިފާއުވެއްޖެއެވެ.

މި މައްސަލައިގައި
ހިމެނެނީ މިދިޔަ މާރިޗު މަހުގެ ތިންވަނަ ދުވަހު ހައްޔަރުކުރި އިންޑިއާއަށް ނިސްބަތްވާ
19 އަހަރުގެ ދަނޫޝްކާދަން ގޯޕާލެވެ.

މި މައްސަލައިގައި
ދަނޫޝްކާދަންގެ އިތުރުން، އިންޑިއާއަށް ނިސްބަތްވާ 21 އަހަރުގެ މަނިމަރަންއާއި ގދ.
ގައްދޫ، ހިތިލާގެ، ޢަލީ ޢިރުފާނު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

 މި އެންމެންގެ މައްޗަށް ވެސް ކުރަނީ މަސްތުވާތަކެތި
ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތެވެ. މީގެ ކުރިން ބޭއްވި ބަންދުގެ
މަޖިލީހުގައި ދެ ބިދޭސީންގެ ބަންދަށް ފަސް ދުވަސް ޖެހި ނަމަވެސް، ދިވެހި ފިރިހެންމީހާ
ކަމަށްވާ އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ދަނޫޝްކާދަންގެ
ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ
އިތުރު 45 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުން
އެނގޭ ގޮތުގައި، އޭނާއަކީ އޮޅުވާލުމެއްގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް
ބަޔަކު ބޭނުންކުރި މީހެކެވެ. ދަނޫޝްކާދަންގެ ވަކީލާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ،
އޭނާއަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުންދާ ޒުވާނެއް ކަމަށާއި، އޭނާ ރާއްޖެ އައީ ގުރުއަތަކުން
ހޮވިގެން ލިބުނު ދަތުރެއްގައި ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ތަކެއްޗަކީ ރާއްޖެއަށް
ވިއްކަން ގެންނަ ސާމްޕަލްތަކެއް ކަމަށް ބުނެ އޭނާއަށް އޮޅުވާލާފައިވާ ކަމަށް ވަކީލު
ފާހަގަކުރެއްވިއެވެ.

ދަނޫޝްކާދަން
ރާއްޖެ ފޮނުވި މީހުންނާއި، މިކަން ހިނގައިދިޔަ ގޮތުގެ ތަފުސީލުތައް އޭނާ ތަހުގީގަށް
ކިޔައިދީފައިވާ ކަމަށް ވަކީލު ވިދާޅުވި ނަމަވެސް، އެ ތަފުސީލުތައް ކޯޓު އަމުރުގައި
ހާމަކޮށްފައެއް ނުވެއެވެ.

 ދިފާއީ ވަކީލު ވިދާޅުވި ގޮތުގައި، މިއީ ބަޔަކު ރާވައިގެން
މައުސޫމް ކުދިންތަކަކަށް އޮޅުވާލައިގެން އެ ކުދިން ބޭނުންކޮށްގެން ހިންގާ ޖަރީމާއެކެވެ.
އަދި މި ބާވަތުގެ އެއްގޮތް ހަތަރު މައްސަލައެއް މިހާރު ވެސް ހިނގަމުންދާކަން ވަކީލު
ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ
އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވި ގޮތުގައި، މި ޕެޓާނަށް ކުށުގެ އަމަލު
ހިންގާފައިވާ ހަތަރު ކޭސްއެއް ފާހަގަކުރެވިފައިވީ ނަމަވެސް، ކަން ކޮށްފައިވާ ގޮތާއި
މީހުންގެ ބައިވެރިވުން އެކި މައްސަލަތަކުގައި ތަފާތެވެ. މިކަން މޯބައިލް ފޮރެންސިކް
ރިޕޯޓުން ވެސް އެނގޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.