ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ގިނަ ޚިދުމަތްތަކެއް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރީ ޚިދުމަތްތައް  "އެފިޝަންޓް" ކުރުމަށް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.އެންޓް"

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސިއްހީ ޚިދުމަތާ ގުޅޭ ކަންކަން ކުރަމުންދަނީ އާސަންދައިން ކަމަށެވެ. 

އެހެންކަމުން އާސަންދައިގެ ބެލުމުގެ ދަށަށް އެންސްޕާއިން ދެމުންދާ  އެފަދަ ސިއްހީ ޚިދުމަތްތައް ބަދަލު ކުރުމުން ޚިދުމަތް އެފެޝިއެންޓްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އެހީތެރިކަން ފޯރުކޮށްދެވެނީ ހައްގު މީހުންނަށްކަން ވެސް ކަށަވަރު ކުރެވޭނެ ކަމަށެވެ. 

މީގެ އިތުރުން މުންދު ވިދާޅުވީ، ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި، ބައެއް ފަހަރު އާސަންދަ އަށް އަދި އެންސްޕާއިން އަށް އެހީތެރިކަމަށް ހުށަހަޅާ ކަމަށާއި، ދެ ފަރާތުން ވެސް އެހީ ހޯދާ ކަމަށެވެ. 

އެއީ ހަމަ ސީދާ މެޑިކަލް ކަންތައްތައް ބަލަހައްޓަވަނީ އާސަންދައިން ކަމަށްވަންޏާ އާސަންދައިގެ ބެލުމުގެ ދަށަށް ގެނައީމަ ޚިދުމަތް އެފެޝިއެންޓްވެ އަވަސްވެ ތިވިދާޅުވިހެން އެންމެ ހައްގު ބޭނުފުޅުންނަށްކަން ޔަގީން ކުރަން އިތުރަށް އަޅުގަނޑުމެންނަށް އެ ޔަގީންކަން މިލިބެނީ. އެހެންވީމަ އެބަދަލު ގެނައީމަ ކުރިން ވެސް ދޭ ޚިދުމަތެއް މިހާރު ވެސް މިދެނީ އެކަމަކު އާސަންދައިން ދިނީމަ އެފިޝަންޓް ވަނީ ތި ވިދާޅުވިހެން އޭގެ ވޭސްޓްސްޓޭޖެއް ނެތި. ހަމަ ހައްގު ފަރާތަށްތޯ ދަނީ ޔަގީން ކުރަން ވެސް އެބަ އިތުރަށް ފުރުސަތު ލިބޭ. 
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 

މުންދު ވިދާޅުވީ ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، އެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް އަދި ބަލިމީހާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ބެލުމަށް ފަހު އާސަންދަ އެހީގެ ދަށުން ރާއްޖެއިން ބޭރަށް ވެސް ފޮނުވާ ކަމަށެވެ.  އަދި އިތުރަށް މި ނިޒާމު  ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މުންދު މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް މިސަރުކާރުގައި އާސަންދައިން ޚިދުމަތް ހޯދުމަށް ވަރަށް ދަތި ކަމަށް ގިނަ ރައްޔިތުން ބުނެ އެވެ. ރާއްޖެއިން ބޭރަށް ފަރުވާ އަށް ދިއުމަށްޓަކައި އެހީ ނުލިބޭ މައްސަލައާއި، އެހީ ހަމަނުޖެހި ވަރަށް ގިނަ ދުވަސްވާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އަދި އާސަންދައިން އެހީ ނުދިން ނަމަވެސް އެންސްޕާއިން 500 ނުވަތަ 1000 ޑޮލަރުގެ އެހީތެރިކަމެއް ދޭ ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.