މި ސަރުކަރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ޒަރީއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށް ރައްކާތެރި ކާބޯތަކެތީގެ މުހިންމު ކަމަށެވެ.

ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މައުލޫމާތުގެ އަލީގައި މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒު ރާއްޖޭގައި ބޭނުންކުރާ ހުރިހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ހުރި ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ. 

އެގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރުން ހަރުދަނާކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ޣައްޒާ އާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ ތަގައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ހާލަތްތަކުގެ މައްޗަށް އަލިއަޅުވާލައި ރައީސް މުއިއްޒު ވިދާޅުވީ އެފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށް ވެސް ރައްކާތެރި މުސްތަގަބަލެއް ޔަގީންކުރެވޭނެ ކަމަށެވެ.