މިފަހުން ބާއްވާ އިންތިޚާބުތަކުގައި އެމްޑީޕީ އަށް ކާމިޔާބު ލިބެމުން ދަނީ ރައްޔިތުންގެ ވިސްނުމަށް އައި ބަދަލެއްގެ ސަބަބުން ކަމަށާއި، އެއީ ވަކި ބަޔަކު ޕާޓީއާ ގުޅިގެންވާ ކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ ސިޓީގައި ބޭއްވި އިތުބާރު ކެމްޕޭނު ޖަލްސާގައި ޝަހީމް ވަނީ އެމްޑީޕީން ގައުމާއި ރައްޔިތުންގެ ކުރިއެރުވުމަށް ކުރި މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އިދިކޮޅު މަޖިލިސް މެންބަރުންނާއި، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅޭގޮތުން ދައްކަމުން ދިޔަ ދޮގު ވާހަކަތަކަށް އަލިއަޅުއްވާލެއްވި އެވެ.

މިހާރުގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާއިރު، ޕާޓީއަށް މޮޅު ގޮތްވުމަށް އަބަދުވެސް އެދޭ ކަމަށެވެ. ނަމަވެސް ޕާޓީއަށް ކާމިޔާބާއި ކުރިއެރުން ލިބެނީ ވަކި ބަޔަކު ގުޅުމުން ނުވަތަ ކެނޑުމުން ނޫން ކަމަށާއި، މިއީ ރައްޔިތުންގެ ވިސްނުމަށް އަންނަ ބަދަލުން ނުކުންނަ ނަތީޖާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝަހީމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު، ސަރުކާރުން ކަންކަން ކުރާ ގޮތުންނާއި، އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުން ގޮތް ނިންމަނީ ރައްޔިތުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވެސް އެއިރެއްގައި އޮންނަ ވެރިކަން ބަދަލު ކުރުމަށް ވެސް ނިންމާނީ ރައްޔިތުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެގޮތަށް އަޅުގަނޑުމެންގެ ސަރުކާރުގައި ކޮވިޑްގެ ދަތި ހާލަތުން އަރައިގަނެވުނުއިރުގައި އަޅުގަނޑުމެންގެ ޕާޓީގެ ޕާޓީގެ ރައީސްއާއި އޭރުގެ ޗެއަރޕާސަންއާ ދެން ވެސް ތިބިހާ ބައެއް މުޅި ސަރުކާރާ އިދިކޮޅަށް ރައްޔިތުންގެ މަޖިލީހުން 14 ވަރަކަށް މެންބަރުންނަށް ރެއާ ދުވާލު ރެއާ ދުވާލު ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ގޮވަމުން ދިޔަ އެއްޗެހިތައް އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔަ އެއްޗެހިތައް އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ތެރެއިން ގޮވަމުން ދިޔަ އެއްޗެހިތައް ރައްޔިތުންނަށް ވަރަށް ބޮޑަށް ގަބޫލު ކުރެވުނީ. ހަގީގަތަކީ މިއަދު އެ އެއްޗެހި ގޮވިބޭފުޅުން މިއަދު ނުކުމެ ވަޑައިގެން ރައްޔިތުންނަށް އެކިޔާ ދެއްވަނީ އެއީ ގޯސްކަން ދެއްކުނު ވާހަކައެއްކަން. އެކަހަލަ އެއްވެސް ކަމެއް ހިނގާފައިނެތޭ. އެބޭފުޅުންގެ މައްސަލައެއް ނެތޭ. ތިމަންނަމެންނަށް މިހެންމިހެން ދެކެވުނު ވާހަކައެކޭ. އެހެންވީމަ އެކަން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން މިހާރު މިއަންނަނީ އެމްޑީޕީން ކޮންމެ އިންތިޚާބެއްގައި އެމްޑީޕީއަށް މެޖޯރިޓީ ދެމުން. ވޯޓު ދެމުން.
ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން)

ޝަހީމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި، ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ރައްޔިތުން އެދޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ކޮވިޑް-19ގެ ދުވަސްވަރު ވެސް ރައްޔިތުންނަށް ދަތި ނުކުރާ ކަމަށާއި، އެއަރޕޯޓު ފަދަ މަޝްރޫއުތައް ކުރިއަށް ގެންގޮސް ކާމިޔާބު ކަމާއެކު ހުޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ވެރިއަކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ ބަދަލު ކުރި ނަމަވެސް މިއަދު އެ ރައްޔިތުން ދެރަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރަށް ކަޑައެއް ވެސް ޖަހާ ނުލެވޭ ކަމަށާއި، އެއް އުވަ ދޯންޏާއި، އެއް އުދަލި ހިފައިގެން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.