ރާއްޖޭގައި ހިމަބިހި ނުވަތަ މީސަލްސް ފެތުރެމުންދާ
މިންވަރާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައި،
އެ ބަލީގެ އެންމެ ފަހުގެ މައުލޫމާތުތައް ހާމަކުރަމުންދާނީ ކޮންމެ އަންގާރަ ދުވަހަކު
އެއްފަހަރު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން
މިހެން ބުނީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުން ހިމަބިހީގެ އެންމެ ފަހުގެ
ހާލަތު އޮޅުންފިލުވުމަށް ގުޅާލުމުން ދިން ޖަވާބުގައެވެ.
އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، ހިމަބިހީގެ
ކޭސްތަކާ ގުޅޭ އަދާހަމަ މައުލޫމާތުތައް އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު
އެއްފަހަރުއެވެ. އެގޮތުން ކޮންމެ އަންގާރަ ދުވަހަކު އެ މައުލޫމާތުތައް ހިއްސާކުރަމުންދާނެ
ކަމަށާއި، ކުރިއަށް އޮތް އަންގާރަ ދުވަހުވެސް ބަލީގެ ފަހުގެ ތަފާސްހިސާބުތައް އާންމުކުރާނެ
ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.
ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ބުނެ
އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިއިރު، ގިނަ ބަޔަކު ދަނީ މި ބަލީގެ
މައުލޫމާތު ކޮންމެ ދުވަހަކުވެސް އާންމުކުރަން ޖެހޭނެ ކަމަށް ބުނަމުންނެވެ.
ހިމަބިއްސަކީ އާންމު ސިއްހަތާއި ރައްކާތެރިކަމާ
ނުހަނު ގުޅުންހުރި ބައްޔަކަށްވެފައި، ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމުގެ އަޑުތައް
ފެތުރިފައިވާތީ، އެކަމުގެ ހަގީގަތް ސާފުކޮށްދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށް
އާންމުން ދެކެއެވެ.
މި މައްސަލައިގައި އިތުރު ތަފްސީލު ހޯދުމަށް ރާއްޖެޓީވީން
މިނިސްޓްރީ އޮފް ހެލްތަށް ގުޅާލުމުން، އެ މިނިސްޓްރީން ބުނީ ބަލީގެ ހާލަތު ބަލައި މައުލޫމާތު
ދޭނީ އެޗްޕީއޭއިން ކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރާއި ކޮންމެ ދުވަހަކު މައުލޫމާތު
ހާމަނުކުރާ ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން، އެކަމުގައި އިތުރު މައުލޫމާތެއް ދެވެން
ނެތް ކަމަށާއި އެޗްޕީއޭއަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ހިމަބިހީގެ އަދާހަމަ މައުލޫމާތު ހޯދުމަށް ކުރި
މަސައްކަތުން އެނގުނު ގޮތުގައި، ސިއްހީ ދާއިރާގެ އިސް އިދާރާތަކުން މިކަމުގައި މައުލޫމާތު
ދިނުމަށް ގެންގުޅެނީ ހަފުތާއަކު އެއްފަހަރު މައުލޫމާތު އާންމުކުރާ އުސޫލެވެ. ނަމަވެސް
ބަލި ފެތުރުމުގެ ބިރު އޮތް މިންވަރަށް ބަލައި، މިއަށްވުރެ އަވަހަށް މައުލޫމާތު ލިބުމަކީ
ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މުހިންމު ކަމެއް ކަމަށް އާންމު ރައްޔިތުން ފާހަގަކުރެއެވެ.