ރިޔާސީ އިންތިޚާބެއް
ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި ތިބި އެންމެންނަށްވެސް
މަރުހަބާ ކިޔަންޖެހޭކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
އިތުބާރު
ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު
ސޯލިހު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ގެއްލިގެން ދިޔަ ގޮތް ރައްޔިތުންވެސް އެބަ
ކިޔާދޭ ކަމަށާއި، މީކާއީލް ހޮވިއްޖެނަމަ އެފަދަ ހާލަތަކަށް ޖާގަ ނުދިނުމަށް އެ ރައްޔިތުން
ދަނީ އެދެމުން ކަމަށެވެ.
ރައީސް ސޯލިހު
ވިދާޅުވީ، އޭރު ބިކަވެގެން ދިޔައީ ހަމައެކަނި އެމްޑީޕީއެއް ނޫން ކަމަށާއި، އެ ބަދަލުގެ
ގެއްލުން މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ކުރިމަތިލާން ޖެހުނު ކަމަށެވެ.
މީގެ
އިތުރުން، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި ރާއްޖެ ތަރައްގީ ކުރުމުގެ ވިސްނުމުގައި
ތިބި އެންމެންނަށްވެސް މަރުހަބާ ކިޔަންޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ހަމައެކަނި
ތިމަންނާއާއި ތިމަންނާ ވަށައިގެން ތިބި މީހުން އެކަނި ތިބެގެން އިންތިޚާބެއް ކާމިޔާބެއް
ނުވާނެ ކަމަށާއި، މީކާއީލްއަކީ އެންމެންވެސް ގޮވައިގެން އުޅެވޭ ވިސްނުމުގެ ކެންޑިޑޭޓެއް
ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން
ޕާޓީގެ ޗެއަރޕަރސަންކަމަށް ތާއީދު ކުރައްވަނީ މީކާއީލް އަހުމަދު ނަސީމަށް ކަމަށް ރައީސް
ސޯލިހު ވިދާޅުވިއެވެ. ސަބަބަކީ ޗެއަރގެ މަގާމަކީ ހަމަހަމަ ފުރުސަތު ދީގެން ޕާޓީ ހިންގަން
ދަންނަ މީހަކަށް ދޭން ޖެހޭ މަގާމެއް ކަމަށާއި، މިހާރަށްވުރެ ޕާޓީގެ ހިންގުމާއި ހަރަކާތްތައް
ހިންގޭނެ ގޮތްތައް ހޯދަންޖެހޭތީ ކަމަށްވެސް ރައީސް ސޯލިޙު ވިދާޅުވިއެވެ.
2018 ވަނަ އަހަރު ވެރިކަމަށް
ވަޑައިގެން ކޯލިޝަނަކާއެކު މަސައްކަތް ކުރެއްވުމުން އެކަމަށް އަމާޒުވާ ފާޑުކިޔުންތަކަށް
ރައްދު ދެއްވައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ވިދާޅުވީ، އެ ވެރިކަމަށް
އައީ ސޮއިކުރެވިފައިވާ ކޯލިޝަން އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުމުގައި
އެމަނިކުފާނުވެސް ސޮއިކުރައްވާފައިވާނެ ކަމަށެވެ.
ރައީސް ސޯލިޙު
ވިދާޅުވީ ވެރިކަން ކުރައްވާފައިވާނީ އޭރު ސޮއިކުރެވި އެއްބަސްވެގެން ދިޔަ ގޮތަށް ކަންކަން
ގެންދިއުމަށް ކަމަށެވެ. އަދި ވިދާޅުވީ މިއަދުވެސް ޕާޓީގެ ފަރާތުން ހަދާ އެފަދަ ލިއުންތަކުގައި
ސޮއިކުރަންޖެހޭނީވެސް އިތުބާރު އޮންނަ ބޭފުޅެއް ކަމަށާއި އެއީ މީކާއީލް ކަމަށެވެ.
މީގެ
އިތުރުން، މީކާއީލް ވަޑައިގަންނަވަނީ މެނިފެސްޓޯއަކާއެކުގައި ކަމަށާއި، އެ މެނިފެސްޓޯގައި
ޕާޓީ ހިންގުމަށް ބޭނުންވާ މުހިއްމު ގިނަ ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ރައީސް
ސޯލިހު ވިދާޅުވިއެވެ. އެއީ މީކާއީލްއަށް ތާއީދު ކުރާ އެއް ސަބަބު ކަމަށް ވިދާޅުވެ،
އެކަމާ ރައްޔިތުންވެސް ފުންކޮށް ވިސްނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.
މީކާއީލް ވަޑައިގަންނަވަނީ މެނިފެސްޓޯއަކާއެކުގައި، އެ މެނިފެސްޓޯގައި ޕާޓީ ހިންގުމަށް ބޭނުންވާ މުހިއްމު ގިނަ ކަންތައްތަކެއް ވަނީ ހިމެނިފައި، އެއީ މީކާއީލްއަށް ތާއީދު ކުރާ އެއް ސަބަބު،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު
އަދި އިންތިޚާބެއް
ކާމިޔާބު ކުރުމަށްޓަކައި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަކީ މުހިއްމު ކަމެއް ކަމަށާއި،
އެއީ ޗެއަރ ކަމަށް އަންނަ ބޭފުޅަކު ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަންތައް ކަމަށްވެސް
ރައީސް ސޯލިހު ވިދާޅުވިއެވެ.