ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ގިނަ އަހަރު ޚިދުމަތް ކުރައްވާފައިވާ އިބްރާހިމް ރަޝާދު އަވަހާރަވެއްޖެ އެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ލަޤަބް ވެސް ހާސިލްކުރައްވާފައިވާ މައްޗަންގޮޅީ، އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވެފައި ވަނީ މުރުފުޅަކީ 78 އަހަރުފުޅުގަ އެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

26 ޖޫން 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވި ރަޝާދު އަކީ  ވުޒާރަތުލް މަޢާރިފާއި، ވުޒާރަތުލް މާލިއްޔާގެ އިތުރުން އެއަރޕޯޓް އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ރޭޑިއޯ މޯލްޑިވްސްގައި އަގު ހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.  މީގެ އިތުރުން އެސްޓީއޯގެ މެނޭޖަރުކަމާއި، ނޯދަން ރީޖަނަލް އޮފީހުގެ ވަކީލުކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އަންޑަރ ސެކްރެޓަރީކަމާއި، އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑުގެ ވައިސް ޗެއަރމަންކަންވެސް ކުރެއްވިއެވެ.

ރަޝާދު ނިޔާވުމާއި ގުޅިގެން ރަޝާދުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ތައުޒިއްޔާ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއްކަމަށާއި، ޤައުމަށް ގެއްލިގެން އެދިޔައީ ވަރަށް ބޭނުންތެރި، އަގުހުރި ތަޖުރިބާކާރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އވެެ. 

ރަޝާދު އަކީ މީގެ ވިއްސަކަށް އަހަރު ކުރިން ޓެކްނޯލޮޖީގެ ވަސީލަތްތައް މަދު އިރު، ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމަށް ރަޝާދު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފަ އެވެ. 

އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ ދައުލަތުގެ އިސް ގިނަ މަޤާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެ އެވެ. މީގެ އިތުރުން ހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު އަދާކުރައްވާފައިވެ އެވެ. އެ މަނިކުފާނު އެންމެ ފަހުން އަދާކުރެއްވި މަޤާމަކީ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމެވެ.

ދައުލަތުގެ ހިންގުމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ރަޝާދު ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ ޑިރެކްޓަރުކަންވެސް ކުރައްވާފައެވެ. 4 ސެޕްޓެންބަރު 2008 ގައި ޚިދުމަތުން ވަކިވެވަޑައިގެންނެވި އިބްރާހީމް ރަޝާދު އަވަހާރަވި އިރު، އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.