ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ދުވަސްވީ އޮފިސަރަކު އޭނާގެ އަންހެން ދަރިއަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދިން ގޮތުގައި މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވަނީ އޭނާއަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އޭނާގެ ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައެވެ.

މި މައްސަލަ މިހާރު ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. އެގޮތުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 31 މެއި 2026 ގައިކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން އަނިޔާވި ކުއްޖާއާއި ބައެއް އިތުރު މީހުންގެ ބަޔާންވެސް ނަގާފައެވެ.

އެހެންނަމަވެސް މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ތުހުމަތުވާ މީހާ ހައްޔަރު ކުރުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، މި މައްސަލައިގައި މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައިގައި ކޮމެންޓެއް ހޯދާލުމަށް ރާއްޖެއެމްވީން ސުވާލު ކުރުމުން ފުލުހުން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.