ފިޗް ރޭޓިންގ
ގައި ރާއްޖެ ދަށްވެފައި އޮތީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުންނެއް ނޫންކަމަށް ސަރުކާރުގެ
ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މުންދު
އެފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިއެއްގެ
ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ނޫސްވެރިޔާ ވަނީ ފިޗް ރޭޓިންގ އާ
ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.
އެ ސުވާލުގެ
ޖަވާބުގައި މުންދު ވިދާޅުވީ، ބައެއް މީހުން ރާއްޖެ ބަނގުރޫޓުވޭތޯ ދުއާކޮށް ނަދުރުވެސް
ބުނެފައިވާ ކަމަށާއި، މީޑިއާގައިވެސް "ޑޫމްސްޑޭ ސިނާރިއޯއެއް" ގެނެސްގެން
އުޅުނު ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެއްޖެއްޔާ ގެއްލުންވަނީ ހަމައެކަނި
މިހާރު އޮތް ސަރުކާރަކަށް ނޫންކަމަށެވެ.
އެއީ ޕީއެންސީން
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އިންޑިއާ އައުޓްގެ ނަމުގައި ޙަރަކާތް
ހިންގިއިރުވެސް ގިނަ ބަޔަކު ބުނަމުން އައި ވާހަކައެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން
އެފަދަ ޙަރަކާތްތަކުގެ ސަބަބުން އިޤްތިސާދާއި ޚާރިޖީ ގުޅުންތަކަށް އަސަރު ކުރާނެކަމަށް
އޭރު ގިނަ ބަޔަކު ބުނަމުންދިޔަނަމަވެސް، އޭރު މި ސަރުކާރުގައި މިހާރު ތިއްބެވި
ބޭފުޅުން ގެންދެވީ އެކަންކަން ދިފާއު ކުރައްވަމުންނެވެ.
ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ލޯންގް-ޓާމް ފޮރިން-ކަރަންސީ އިޝުއަރ ޑިފޯލްޓް ރޭޓިންގް (އައި.ޑީ.އާރް) 'ސީ.ސީ' އިން 'ސީ.ސީ.ސީ މައިނަސް' އަށް މަތިކޮށްފައިވީނަމަވެސް، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ހުރި ވަރަށްވުރެ އަދިވެސް ރޭޓިންގ ދަށެވެ.
މުންދު ވަނީ
ފިޗް ރޭޓިންގ ދަށްވެފައި އޮތީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ނޫންކަމަށްވެސް ވިދާޅުވެފައެވެ.
އެގޮތުން ފިޗް ރޭޓިންގ އަށް އަލިއަޅުވާލައްވަމުން މުންދު އިތުރަށް ވިދާޅުވީ، ސަރުކާރުން
ފެށުނީއްސުރެ މަސައްކަތް ކުރަނީ ވާރުތަވި ދަރަނި އަދާކޮށް އިޤްތިސާދު ހަރުދަނާ ކުރުމަށްކަމަށެވެ.
އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ޑަބަލް ސީ އިން ޓްރިޕަލް ސީ އަށް މައްޗަށް ޖެހިލީ ސަރުކާރުން
ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަމަށާއި ސަރުކާރުގެ އަމާޒަކީވެސް މިއަށްވުރެ
ރަނގަޅު ކުރުން ކަމަށް މުންދު ވިދާޅުވި އެވެ.
ދަށްވި ދަށްވުމަކީ މި ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ދަށްވި ކަމެއް ނޫން، އެއީ އަޅުގަނޑުމެން ޙަވާލުވިއިރު ދަރަނި އޮތް މިންވަރާއި، އަޅުގަނޑުމެން ކުރަންޖެހުނު ކަންކަމާއި، އަޅަން ޖެހުނު ފިޔަވަޅުތައް އަދި އެ އަޅަންޖެހުނު ފިޔަވަޅުތަކުގެ ބޮޑުކަމުން.ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)
މުންދު ވިދާޅުވީ،
ފިޗް ރޭޓިންގ މިއަށްވުރެ ރަނގަޅު ވެގެން ދިއުމުން ރާއްޖެއާމެދު އަދި އިޤްތިސާދާމެދު
ތަރައްޤީގެ ބައިވެރިން ދެކޭ ގޮތް ބަދަލުވާނެކަމަށެވެ. އޭރުން ރާއްޖެއަށް އިތުރު އިންވެސްޓުމަންޓުތައްވެސް
އަންނާނެކަމަށާއި އެކަންކަން ވާން ފެށުމުން ހަވާވެސް އަރުވާނެކަމަށް މުންދު ވިދާޅުވި އެވެ.
ފިޗް ރޭޓިންގ
އާ ގުޅޭގޮތުން ފާޑުވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވަނީ އެއީ އުއްމީދު ކަނޑާލާފައިވާ
ބަލި މީހެއް ލޮލުގެ ބޮނޑި ތަޅުވާލުން ކަހަލަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެކަމަށް ރައްދު ދެއްވައި މުންދު ވިދާޅުވީ ބޮނޑި ތަޅުވާލުންވެސް އެއީ ކުރިއެރުމެއްކަމަށެވެ.
ރާއްޖޭގެ
ރޭޓިންގ 2023 ވަނަ އަހަރު އައު ސަރުކާރު ހުރިއިރު ހުރީ މިހާރަށްވުރެ ރަނގަޅު
ޙާލަތެއްގަ އެވެ. އެހެންކަމުން އެ ޙާލަތަށް ފިޗް ގެ ރޭޓިންގ ގެންދިއުމަށްޓަކައި ސަރުކާރުން
ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.