ސޯޝަލް މީޑީއާ ގައި ކުރި ޕޯސްޓަކާ ގުޅިގެން ށ. މިލަންދޫ ފެނަކައިގެ ސީނިއަރ ސުޕަވައިޒަރަކު ސަސްޕެންޑު ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިކަމުގެ މައުލޫމާތު ރާއްޖެއެމްވީ އާ ހިއްސާކޮށް، އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ސަސްޕެންޑު ކޮށްފައިވަނީ ށ. މިލަންދޫ ފެނަކައިގައި މަސައްކަތް ކުރާ ސީނިއަރ ސުޕަވައިޒަރު، މުހައްމަދު ޝާމް ކަމަށެވެ. 

އޭނާ މަގާމުގެ މަސްއޫލިއްޔަތުން ސަސްޕެންޑު ކޮށްފައިވާ ކަމުގެ ޗިޓު ފޮނުވާފައިވަނީ ކުއްލިއަކަށް ކަމަށާއި އެ ޗިޓު ފޮނުވީ ދަންވަރުގެ ވަގުތެއްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ. އަދި އޭނާ ސަސްޕެންޑު ކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. 

ފެނަކައިގެ މުވައްޒަފަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކޮށްފައިވާއިރު އެ ކުންފުނީގެ ޕޭރޯލްގައި ގާތްގަނޑަކަށް 8000 މުވައްޒަފުން އެބަތިބި ކަމަށާއި، ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާތީ އެއީ ނެގޭނެ ބުރައެއް ނޫން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ވަނީ ވިދާޅުވެފަ އެވެ. 

ފެނަކައިގެ އެމްޑީ އަފީފު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މިމަހުގެ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ހުޅުވާފަ އެވެ. 

މިއީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމަކަށްވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ.

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބާ ދިމާކޮށް ރަށްރަށުގައި ފެނަކައިން އެތައް ސަތޭކަ ވަޒީފާ އެއް އުފެއްދި އެވެ. އެ ވަޒީފާތައް ދީފައިވަނީ ސަރުކާރަށް މެޖޯރިޓީ ހޯދުމުގެ ގޮތުންކަމަށް ބުނެ އެވެ. ނަމަވެސް އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާއެކު ގިނަ ފަރާތަކެއް ވަޒީފާ އިން ވަކިކުރާކަމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

މީގެ އިތުރުން ފެނަކައިގެ މެނޭޖްމަންޓުތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، މީގެ ސަބަބުން އެ ކުންފުނިން ފޯރުކޮށްދޭ ޚީދުމަތަށް ވެސް ބުރޫއަރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރެ އެވެ. މުވައްޒަފުންގެ އަދަދު އިތުރުވުމާއި ކޮރަޕްޝަނުގެ ސަބަބުން ފެނަކަ ކޯޕަރޭޝަން ދަރަނިވެރިވެ، ކުންފުނީގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.