އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ދީފައިވާކަން އެމެރިކާގެ އޮފިޝަލުން ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ ޓީމަށް ވިސާ ދޫކޮށްފައި މިވަނީ، ޖޫން މަހުގެ 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލެންޑާ ދެކޮޅަށް އެ ޓީމު ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވީ، ވޯލްޑް ކަޕްގައި ވާދަކުރުމަށް އީރާނުގެ އެތުލީޓުންނާއި އެހީތެރި މުވައްޒަފުންނަށް ބޭނުންވާ ވިސާ މިހާރު ދޫކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އޮފިޝަލުން ވިދާޅުވީ ވިސާގެ ނިޒާމުގެ ނާޖާއިޒު ފައިދާ ނަގައިގެން، ދޮގު މައުލޫމާތު ދީގެން ޓެރަރިސްޓުން އެމެރިކާއަށް އެތެރެކުރުމުގެ ފުރުސަތު އީރާނުގެ ޓީމަށް ނުދޭނެ ކަމަށެވެ.

ވިސާ ދޫކުރިކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަނުން މިކަމާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. މި މުބާރާތް ބާއްވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީޚުގައިވެސް، މުބާރާތް ބާއްވާ ގައުމަކުން އެ ގައުމަކާ ހަނގުރާމައިގެ ހާލަތެއްގައި އޮތް ގައުމެއްގެ ޓީމަކަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ.

މެއި މަހުގެ ފަހުކޮޅު، އީރާނުގެ ޓީމުން ވަނީ އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި ކުރިއަށްގެންދިޔަ ތަމްރީނުތައް މެކްސިކޯއަށް ބަދަލުކޮށްފައެވެ. އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ވިދާޅުވީ، ތަމްރީނުތައް ބަދަލުކުރަން ޖެހުނީ ވިސާ ހޯދުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ.

ހުކުރު ދުވަހާ ހަމައަށްވެސް، އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީމުގެ ބައެއް ފަންނީ އަދި އިދާރީ މުވައްޒަފުންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ލިބިފައެއް ނުވެއެވެ.

މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ބާރުގަދަ ގޮފި ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރް.ޖީ.ސީ) އާ ގުޅުން އޮތް އެއްވެސް މީހަކަށް އީރާނުގެ ވަފުދުގެ ތެރޭގައި ހިމެނިގެން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

އީރާނުގެ ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަކީ އެ ގައުމުގައި އޮންނަ އުސޫލުގެ ދަށުން، އައި.އާރް.ޖީ.ސީގައި މަޖުބޫރު އަސްކަރީ ޚިދުމަތް ފުރިހަމަކޮށްފައިވާ ކުޅުންތެރިންނެވެ.