ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރޭގައި ތާށިވެ މަރުވި އިޓަލީގެ ހަތަރު ފީނުންތެރިއެއްގެ ހަށިގަނޑު ނެގުމުގައި އެހީތެރިވި ފިންލޭންޑުގެ ތިން ފީނުންތެރިއަކަށް ޝަރަފުގެ އިއްޒަތް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަރުވައިފިއެވެ.

މޭ މަހުގެ 17 އިން 21 އަށް ކުރިއަށްގެންދިޔަ ނުރައްކާތެރި އަދި އުނދަގޫ އޮޕަރޭޝަނުގައި ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، "އޯޑަރ އޮފް މެރިޓް އޮފް ދަ އިޓަލިއަން ރިޕަބްލިކް" ގެ ޝަރަފު އަރުވާފައިވަނީ ސާމީ ޕާސްކަރިނެން އާއި، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް އަށެވެ. މި ޝަރަފަކީ "މޯޓޫ ޕްރޮޕްރިއޯ" ނުވަތަ ރައީސްގެ އަމިއްލަ އިސްނެންގެވުމުގެ މަތިން އެރުވި އިއްޒަތެކެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ 2026 މޭ 14 ވަނަ ދުވަހު، "ޑިއުކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީއެއްގައި ވާއު އަތޮޅަށް ފީނަން ދިޔަ އިޓަލީގެ ފަސް މީހަކު ޚަބަރެއް ނުވެގެން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މި ހާދިސާގައި މަރުވި އިޓަލީގެ ޑައިވް ގައިޑް އަދި އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު ފެނިފައިވަނީ ފަރުގެ ހޮހަޅައެއްގެ ތެރެއިން ގާތްގަނޑަކަށް 50 މީޓަރު އަޑިންނެވެ.

ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯން އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލްގެ އިތުރުން، ރިސާޗަރުން ކަމަށްވާ މިއުރިއަލް އޮޑެނީނޯ އަދި ފެޑެރިކޯ ގުއަލްޓިއޭރީ ފެނިފައިވަނީ މޭ 18 ވަނަ ދުވަހުއެވެ. އެ މީހުން ފެނިފައިވަނީ ހޮހަޅައިގެ ދެވަނަ ބަޔަށް ވުރެ ފުންކޮށް އޮތް، އެއްކޮޅު ބެދިފައިވާ ހަނި މަގަކުންނެވެ. އެ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އޭގެ ފަހުން ޖެހިގެން އައި ދެ ދުވަހުގެ ތެރޭގައެވެ.

މި ހަށިގަނޑުތައް ހޯދުމުގެ ފުރަތަމަ މަރުހަލާގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ފީނުންތެރިއެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ، ޑިކޮމްޕްރެޝަން ސިކްނެސް ނުވަތަ "ބެންޑްސް" ޖެހިގެން ވަނީ ނިޔާވެފައެވެ. ސާޖަންޓް މަހުދީ ނިޔާވުމާ ގުޅިގެން ހަށިގަނޑުތައް ނެގުމުގެ މަސައްކަތް މެދުކަނޑާލުމަށްފަހު، ފިންލޭންޑުގެ ތިން މާހިރުން މި މަސައްކަތަށް ގެނައީ ޑައިވާސް އެލާޓް ނެޓްވޯކް (ޑީ.އޭ.އެން) ޔޫރަޕްގެ ފަރާތުންނެވެ. ކަނޑުގެ ފުންމިނާއި، ހަނި މަގުތަކުގެ އިތުރުން ފެންގަނޑު ނުސާފުވުމުގެ ސަބަބުން މި އޮޕަރޭޝަނަކީ އިންތިހާއަށް ގޮންޖެހުން ބޮޑު މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މަރުވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. އަދި އެ މީހުން ބޭނުންކުރި ސާމާނުތައް ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް، އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ތަހުގީގު ވަނީ ފަށާފައެވެ.

އިޓަލީގެ ރައީސްގެ ރަސްމީ އޮފީހުން މޭ 30 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި މަރުވި އިޓަލީގެ ފަސް ރައްޔިތުންގެ ހަށިގަނޑު ނެގުމުގެ އުނދަގޫ އޮޕަރޭޝަނުގައި ސާމީ ޕާސްކަރިނެން އާއި، ޖެނީ ވެސްޓަރލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ދެއްކެވި ފަންނީ ހުނަރާއި އިންސާނިއްޔަތުކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އެ ބޭފުޅުންނަށް "ނައިޓް އޮފް ދަ އޯޑަރ އޮފް މެރިޓް އޮފް ދަ އިޓަލިއަން ރިޕަބްލިކް" ގެ ޝަރަފު އަރުވާފައިވާ ކަމަށެވެ.

ފިންލޭންޑުގެ ދައުލަތުގެ މީޑިއާ "ވައި.އެލް.އީ" އަށް ދިން އިންޓަވިއުއެއްގައި ގްރޮންކްވިސްޓް ބުނީ، އެ މީހުންނަށް އެއީ އާދައިގެ މަސައްކަތަކަށް ވީއިރު، މިފަދަ މަތިވެރި ޝަރަފެއް ލިބުމުން ތަފާތު އިހުސާސެއް ކުރެވޭ ކަމަށެވެ.

"އަހަރެމެންނަށް މިއީ އާދައިގެ އޮޕަރޭޝަނެއް. އެހެންނަމަވެސް މިފަދަ މަތިވެރި ޝަރަފެއް ލިބުމަކީ އުފާ ކުރާ ކަމެއް. ހާއްސަކޮށް އިޓަލީ ދައުލަތާއި މަރުވި މީހުންގެ އާއިލާތަކުން މިކަން ބަލައިގަތުމުން އުފާވޭ،" އޭނާ ބުންޏެވެ. މި އިންޓަވިއުގައި ޖެނީ ވެސްޓަރލަންޑް ބުނީ، އިންތިހާއަށް ދަތި ހާލަތެއްގައި އެ މީހުންނަށް ކުރެވުނު އެންމެ ރަނގަޅު މަސައްކަތެއް ކުރި ކަމަށާއި، ހޮހަޅައިގެ ތެރޭގެ ހާލަތު އޮތީ ވަރަށް ނުރައްކާތެރިކޮށް ކަމަށެވެ.

"އޯޑަރ އޮފް މެރިޓް އޮފް ދަ އިޓަލިއަން ރިޕަބްލިކް" އަކީ އިޓަލީވިލާތުން މަދަނީ ފަރާތްތަކަށް އަރުވާ އެންމެ މަތީ ޝަރަފެވެ. މި އިއްޒަތް އަރުވަނީ އާންމު ޚިދުމަތް، ސައިންސް، ސަގާފަތް އަދި އިންސާނިއްޔަތަށް މަސައްކަތްކުރުން ފަދަ ދާއިރާތަކުން ގައުމަށް ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދޭ ފަރާތްތަކަށެވެ.