މިދިޔަ 2 އަހަރު ދައުލަތަށް ރިކޯޑް އަދަދެއްގެ އާމްދަނީ އެއް ލިބުނު ނަމަވެސް އެ 2 އަހަރަކީ ރައްޔިތުން އެންމެ ދަތި ހާލުގައި އުޅުނު 2 އަހަރު ކަމަށާ ދައުލަތުގެ ބަޖެޓު ޚަރަދު ކުރާ ގޮތުގެ އެއްވެސް ތަފްސީލެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމްހީދު މިދިޔަ 2 އަހަރު މި ގައުމުގެ ރައްޔިތުން އުޅުނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. ނަމަވެސް އެއީ އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށެވެ. 

މިކަން ދީމާވީ ކީއްވެގެންކަން މިއަދު ބަލަން ޖެހޭކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ 2025 ވަނަ އަހަރަށް ވެސް ބޮޑު ބަޖެޓެއް މަޖިލީހުން ފާސްކުރި ކަމަށެވެ. އަދި އެ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބަޖެޓުން ކުރައްވާނެ ކަންކަން ހިއްސާކޮށްފައި ކަމަށާ ނަމަވެސް ގެނެވުނު ތަރައްގީ އެއް، ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ.  

މި ހުރިހާ ކަމެއް ކޮށްފައި، އަހަރު ނިމުން އިރު މިއިން އެއްކަމެއް ވެސް ނުކޮށް، ބަޖެޓު ހުސްވާތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ 55 ބިލިއަން ރުފިޔާ ހޭދަވެގެން ދާއިރު، ރައްޔިތަކަށް ކަމެއް ނުވާތީ އެ ފައިސާ ޚަރަދުވި ގޮތުގެ ތަފްސީލު ރައްޔިތުންނަށް ކިޔައިދޭން މި ޖެހެނީ. ކޮންމެ ގޮތެއް ވިޔަސް ދައުލަތުން ޚަރަދުތަކެއް އެބަ ކުރޭ. ރައްޔިތަކަށް ވާ މަންފާ ވަރަށް ކުޑަ. ރަށްރަށުގެ ތަރައްގީ ހުއްޓިފަ. މިއަހަރު ވެސް 9 ވަރަކަށް ބިލިއަން ރފުފިޔާ އެބަހުރި ރަށްރަށުގެ ތަރައްގީއަށް ޕީއެސްއައިޕީ އަށް ޖަހާފަ. އެކަމަކު މިއަދާ ހަމައަށް، އަދި މި އުޅެނީ 2 ބިލިއަން ރުފިޔާ ޚަރަދު ނުކުރެވިގެން.
 ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މި ކަންކަމުގެ ތަފްސީލު ހޯދުމަށް މަސައްކަތް ކުރާ ކަމަށާ ނަމަވެސް އިދިކޮޅު އެމްޑީޕީ އަށް މަޖިލީހުގައި ޒިންމާތައް އަދާކުރަން ގިނަ ހުރަސްތަކާ ކުރިމަތިވާ ކަމަށެވެ. 

ޚާއްސަކޮށް މަޖިލީހުގެ މާލިއްޔަު ކޮމިޓީގައި ގިނަ އުނދަގޫތަކެއް ހުރި ކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ މާލިއްޔަތު
ކޮމިޓީ އަކީ މުޅި ދައުލަތުގެ މާލީ ކަންކަމުގެ ޒިންމާ އޮންނަ ފަރާތް ކަމަށެވެ. މިއަދު ވެސް
ޑޮލަރު ނުލިބިގެން ނޫނީ ސަރުކާރު މާދަމާވެސް ކާޑު ގަންނާނެ ފައިސާ ހުރިތޯ ނުވަތަ ތެޔޮ ގަންނާނެ
ފައިސާ ހުރިތޯ ބަލައި ވިލަރެސްކުރަން އޮތް ތަނަކީ މާލިއްޔަތު
ކޮމިޓީ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

އެ ކޮމިޓީގައި މެޖޯރިޓީ މި އޮންނަނީ ޕީއެންސީ އަށް. ޕީއެންސީގެ މެޖޯރިޓީ
އޮންނައިރު އަޅުގަނޑުމެންނަށް ހުށަހަޅައިގެން މިއިން އެއްވެސް މައުލޫމާތެއް، ރައްޔިތުންނަށް
ކޮންމެހެން އެނގެން ޖެހޭ މައުލޫމާތު، ރައްޔިތުންނަށް މާދަމާ ކާތަކެތި އިމްޕޯޓު
ކުރެވޭނެ ފައިސާ ދައުލަތުގަ ހުރިތޯ ނޫންތޯ، ތެޔޮ ގަނެވޭނެ ފައިސާ ހުރިތޯ ނޫންތޯ.
އަޅުގަނޑުމެން މި ސުވާލުތައް ކުރަންވެގެން ކޮމިޓީގައި، އަޅުގަނޑާ އަބްދުލްޣަފޫރާ މި
ތިބެނީ. އަޅުގަނޑުމެން އެކަކު ހުށަހަޅާ، އަނެކަކު ތާއީދު ކޮށްގެން މި އަހަނީ.
ދުވަހަކުވެސް ސަރުކާރުގެ ފަރާތުން މީގެ މައުލޫމާތެއް ގެނެވޭ ގޮތެއް ނުވޭ. އެހެންވީމާ
މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުވުން މިއޮތީ ހުއްޓުވާފައި.
 ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ނަމަވެސް މިކަންކަމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހިއްސާ ނުކުރާ ކަމަށާ ވަޒީރުންނާ ކުރާ ސުވާލުތަކުގެ ޖަވާބު ވެސް ނުދޭ ކަމަށް މެންބަރު ވިދާޅުވި އެވެ. މިއީ ޑިމޮކްރަސީގެ އުސޫލުތަކެއް ނޫން ކަމަށާ ކޮމިޓީގައި ޒިންމާތަކެއް އޮންނައިރު ޕީއެންސީ މެންބަރުން އެ ޒިންމާ އަދާ ނުކުރެއްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. 

 ރައްޔިތުންގެ މަޖިލީހަށް މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވާ ކަމަށާއި، މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ މި ފަހުން ވިދާޅުވެފަ އެވެ. 

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ސިޓީ އެއްވެސް ފޮނުއްވާފަ އެވެ.  އެ ސިޓީގައި މެންބަރު ވަނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ޑިސެމްބަރު 4، 2024 އިން ފެށިގެން ޖެނުއަރީ 13، 2026 އާ ހަމައަށް ފޮނުވާފައިވާ ސުވާލުތަކަށް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައިނުވާކަން ފާހަގަ ކުރައްވާފައެވެ.

ކުޑޫ ހުށަހަޅުއްވާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެންބަރުން މިނިސްޓަރުންނަށް ފޮނުއްވާފައިވާ 62 ސުވާލަށް މިހާތަނަށް ޖަވާބު ނުލިބި އެބަ އޮތެވެ. އެ ސުވާލުތަކުގެ ތަފްސީލުތައް ވެސް ސިޓީއާއެކު ހިމަނުއްވާފައިވެ އެވެ. މެންބަރު ހުށަހެޅުއްވި ސިޓީގައި ވަނީ ކަނޑައެޅިގެން ގާނޫނެއްގައި ވަކި ގޮތަކަށް އޮއްވައި، އެގޮތަށް އެކަން ނުކުރުމަކީ ގާނޫނަކާ ހިލާފުވުމުގެ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާކަން ފާހަގަ ކުރައްވާފަ އެވެ.