މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ މީހުން ދަތުރުކޮށްފައިވަނީ ސައުދިއާ އެއަރލައިން އަދި ރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ. ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ޖުމްލަ 4 ފްލައިޓެއް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލައިޓް މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ. ބާކީ ތިބި ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި ފެށޭ ހަފްތާގެ އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އެވެ.

ދިވެހި ހައްޖު މިޝަނުން މައުލޫމާތު ދެއްވާ ގޮތުގައި، ހައްޖުވެރިންގެ ދެވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 7 ވާ އާދިއްތަ ދުވަހުއެވެ. މޯލްޑިވިއަންގެ މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ އެދުވަހުގެ ހަވީރު ރާއްޖެ ގަޑިން 17:40 ގަ އެވެ.

ހައްޖުވެރިންގެ ތިންވަނަ ފްލައިޓް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 8 ވާ ހޯމަ ދުވަހު އެވެ. ސައުދިއާ އެއަރލައިންގެ މި ފްލައިޓް ރާއްޖެ އައުމަށް ތާވަލުކޮށްފައިވަނީ އެދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

މި އަހަރުގެ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވާ އަންގާރަ ދުވަހު އެވެ. މޯލްޑިވިއަންގެ މި ފްލައިޓް ރާއްޖޭގައި ޖައްސާނީ އެދުވަހުގެ ދަންވަރު 12:00 ހާއިރު ކަމަށް ހައްޖު މިޝަނުން މައުލޫމާތު ދެއެވެ.

މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 1،019 ދިވެހިން މައްކާ އަށް ދަތުރުކުރި އެވެ.