މި ސަރުކާރުން ޚަރަދު ކުޑަކުރަން ސީރިއަސް މަސައްކަތެއް ނުކުރާ ކަމަށާ މިއީ އެންމެ ގިނައިން އިވެންޓު ބާއްވާ ސަރުކާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ ސަރުކާރުން ޚަރަދު ކުޑަ ކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު ކޮންމެ ކަމަކަށް ދައްކާ ބަހަނާ އަކީ މެދުއިރުމަތީގެ ހާލަތު ކަމަށެވެ. ނަމަވެސް ސަރުކާރެއްގެ ޒިންމާ އަކީ އެފަދަ ކަންކަމާ އެކު ވެސް ގައުމު ކުރިއެރުވުން ކަމަށާ ނިމުނު އެމްޑީޕީ ވެރިކަމުގައި ވެސް ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ކުރިއަށް ދިއަ ނަމަވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމަށް މެންބަރު ވިދާޅުވި އެވެ. 

ޝަމްހީދު ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއްގައި ވެސް ފައިސާ އިސްރާފު ކުރަމުންދާ ކަމަށާ ޚަރަދު ކުޑަކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. 

އަޅުގަނޑަކަށް
ސަރުކާރު ޚަރަދުކުޑަކުރާތަނެއް އެއްވެސް އިރަކު ނުފެނޭ. އެންމެ ބޮޑަށް އެހެން ބުނަން
މި ޖެހެނީ އަޅުގަނޑަށް ފެންނަނީ ބޮޑަށް މި ސަރުކާރަކީ އެންމެ ގިނައިން އިވެންޓު
ބާއްވާ ސަރުކާރު. އަޅުގަނޑު ނުދެކެން މިހާގިނަ އިވެންޓު ބާއްވާ ސަރުކާރެއް. އެހެންވީމަ
އެއިން ކޮންމެ އިވެންޓަކީ ވެސް ވަރަށް ފައިސާ. ބޭނުމެއް ނެތް އިވެންޓުތަކެއް މި ބާއްވަނީ.
ހަމަ އެއް ކަމަކަށް ތިން ހަތަރު ރަސްމިއްޔާތު އެބަ އޮވޭ. މިސާލަކަށް
އޭދަފުށީ ހައުންސިންގް މަޝްރޫއު ތިން ހަތަރު ފަހަރު އިފްތިތާހު ކޮށްފި. އެހެންވީމާ
ޚަރަދު ކުޑަކުރުމުގައި އަދިއެއް ނެތް ސީރިއަސް މަސައްކަތްތްތަކެއް ކޮށްފައެއް.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކީ ގޮތް ދޫ ނުކުރުމާއި މި ހަގީގަތްތައް ގަބޫލު ނުކުރުން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ އިދިކޮޅުން ދައްކާ ވާހަކަވެސް، ރައްޔިތުން ދައްކާ ވާހަކަވެސް އަދި އެހެން ބަޔަކު ވެސް ދައްކާ ވާހަކަ މި ސަރުކާރުން ނާހާ ކަމަށެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި، ތެލުގެ އަގަށާއި، ދައުލަތުގެ މާލީ އަދި ބޭރުގެ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތަކާއެކު، 2026 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ނެރުނު "އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް (އޭޑީއޯ) އެޕްރީލް 2026" ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އޭޑީބީގެ ސީނިއާ އިކޮނޮމިސްޓް ޖޫލްސް ހޫގޯ ވިދާޅުވީ، އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ރާއްޖެއިން ސުކޫކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވީ ނަމަވެސް، ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ބޮޑުވަމުންދާ ކަމަށާއި، އެހެންކަމުން މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވަރަށް މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ކެޕިޓަލް ޚަރަދުތަކުން ބޮޑު ބައެއް އުނިކުރުމާ ގުޅިގެން 2025 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ކުޑަވި ނަމަވެސް، ހިންގުމުގެ ޚަރަދުތައް ނުވަތަ ރިކަރަންޓް ޚަރަދުތައް ދިޔައީ އިތުރުވަމުންނެވެ. ސުކޫކަށް ފައިސާ ދެއްކުމަށްފަހުވެސް، ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 130 އިންސައްތައާ ގާތްކުރާ މިންވަރެއްގަ އެވެ. ތެލުގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރާ ޚަރަދު ބޮޑުވެ، ފަތުރުވެރިކަން ދަށްވުމުގެ ސަބަބުން ޓެކްސް އާމްދަނީ ދަށްވެ އެވެ. މީގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބާރު ބޮޑުވެފައިވާއިރު، ބޭރުން ފައިނޭންސް ހޯދުމަށް ހުރި ފުރުސަތުތައް ވެސް ވަނީ ހަނިވެފަ އެވެ.