ދިވެހިރާއްޖޭގައި ބިދޭސީއަކު، އޭނާ ގެ އަނބިމީހާ ބަންދުކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ. 

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ، މީހުން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމް ގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. 

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބުގެ ގޮތުގައި ބުނީ، އޭނާ ގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ހާދިސާގެ ރިޕޯޓާއި، ފުލުހުންގެ ބަޔާނާއި ވިކްޓިމްއާ ގުޅޭ ލިޔުންތައް ހުށަހަޅާފައިވާ ކަމަށް އަމުރުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ބަންދު ދޫކޮށްލައިފިނަމަ މުޖުތަމައު ގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ބަންދުގައި ބަހައްޓަން ނިންމާފައިވާ ކަމަށް މި މައްސަލަ ބެއްލެވި ގާޒީ ނިންމެވި އެވެ. 

އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެ އެވެ.

މި އަޑު އެހުން ތަރުޖަމާނާއި ވަކީލަކާއެކު ކުރިއަށް ގެންގޮސްފައިވާއިރު، ނަހީދުލްގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް ނަހީދުލް ވަނީ އިންކާރު ކޮށްފަ އެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުން ކޯޓުގައި ބުނީ، ނަހީދުލްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާ ކަމަށް އެ އަންހެން މީހާގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެމީހުން އޭރު ދިރިއުޅުމުން ދިޔައީ ގ.ހުރަސްފަރު-3 ގައި ކަން ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

މިމައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ތަހުގީގު ކުރަމުންނެވެ. 

ފަހަކަށް އައިސް ބިދޭސީން މިފަދަ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މިންވަރު އިތުރު ކަމަށް ފުލުހުން ބުނެފައިވެ އެވެ.