އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން ކަނޑާ ފޮނި، ސަރުކާރުގެ ޢަމަލީ މަސައްކަތާ ދިމާ ނުވާ ކަމަށާއި ސަރުކާރުގެ އަމަލުން ފެންނަނީ އެ މަންޒަރު ކަަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ އައްޑޫގެ ތަރައްްޤީ އާއި މެދު ސަރުކާރުން ދައްކާ ވާހަކަ އާއި އަމަލުތަކާއި ހުރީ ދިމާ އިދިިކޮޅަށް ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން ޝާހިދު އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫގައި ފެއްޓެވި ހަންކެޑެ ބްރިޖް އާއި މެދު މި ސަރުކާރުން އަމަލު ކުރި ގޮތެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކަކީ ތާކުންތާކު ނުޖެހޭ، ބެލުމެއް ނެތި ގެނައި ބަދަލުތަކެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ޝާހިދު ވިދާޅުވީ އެމްޑީޕީގެ އެ ޕްރޮޖެކްޓުގެ ތެރެއަށް މި ސަރުކާރުން ވަދެ ހާވާފައި ވަނީ ހުސް ހަޑި ކަމަށެވެ، އެގޮތުން އެ މަޝްރޫއުގެ އެގްރިމެންޓްތައް ނިމިފައި ވަނިކޮށް، މި ސަރުކާރުން އެކަންކަން ބަދަލުކުރީ ރައްޔިތުންނަށް އޭގެ މަންފާ ނުލިބޭ ގޮތަށް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޝަންގްރިއްލާ ހުޅުވުމުގެ ނަމުގައި ވެސް އޮޅުވާލި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަން ކުރުމަށް މާލޭގެ ހޮޓަލަކުން ތިން ފަތުރުވެރިއަކު ގެނެސް އެތަން ހުޅުވި ނަމަވެސް މިއަދު އެތަނުގައި ޖިންނި ޝައިތާނުން ފިޔަވައި އެހެން ބަޔަކު އެތާ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުރި ކަންކަން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ތިން މަސް ތެރޭގައި ހިތަދޫގައި ބަންކަރިން ފަށައި އަހަރަކު 400 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އިއުލާން ކުރި ކަމަށެވެ. އެހެންނަމަވެސް 400 މިލިއަން ވީތަނެއް އެނގޭ މީހަކު ނެތްކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ޝާހިދު ވަނީ މީގެ އިތުރުން ވެސް ސަރުކާރުގެ ބަހާއި އަމަލާއި ދިމާ ނުވާ ކަންކަން ހުރި ކަމަށް ފާހަގަކުރައްވާ އެކަންކަމަށް ފާޑު ވިދާޅުވެފަ އެވެ.