ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އަށް ވޯޓު ހޯދައިދިނުމުގެ ކެންޕޭނަށް ފޮނުވާފައި ހުރީ ''އުކުޅަހު ކުއްޖެއް'' ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި "ސޯބެ ޖަލްސާ"ގައި ނަޝީދު ވަނީ ވަރަށް ބޮޑަށް މިސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އަދި ޕީއެންސީން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި އަށް ސޮޑާ އިންތިޚާބު ކުރުމަށްޓަކައި ކުރަމުންދާ ކެންޕޭނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީއަށް އައިސްހުރީ އުކުޅަހު ކުއްޖެއް ކަމަށެވެ. 

ނަޝީދު އެ އިޝާރާތް ކުރެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އަށެވެ. 

ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް. އުކުޅަހު ކުއްޖެއް މިތަނަށް އައްޑޫ އަތޮޅު ހިތަދޫއަށް. މިއީ އަދި ކޮރުވަލު ގޮނޑިއެއް. މިތަނަށް ވޯޓު ހޯދަން މިފޮނުވަނީ އުކުޅަހު ކުއްޖެއް. ނެތީއޭ. އެބޭފުޅުންގެ އަތުގައި ނެތީ އައްޑޫ އަތޮޅު އެއްވެސް މީހެއް މިކަން ކޮށްލަން އަންނާނެ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

މީގެ ކުރިން އެކިއެކި އިންތިޚާބުތަކުގެ ކެންޕޭންތަކުގައި އެއް މަސް ކުރިން އައްޑޫ އަށް ނިސްބަތްވާ ހޯމް މިނިސްޓަރު އަލީ އިހުސާން ފަދަ ބޭފުޅުން އެސިޓީގައި ވަރަށް ގަދައަށް ހަރަކާތްތެރިވެފައިވެ އެވެ. ނަމަވެސް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑި ޕީއެންސީ އަށް ހޯދުމުގައި އައްޑޫ އަށް ނިސްބަތްވާ ބޭފުޅުން ނުފެންނާތީ އެކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

މިކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވީ ކުރީގެ މެންބަރު މުހައްމަދު ސިނާން ކަމަށާއި، ނަމަވެސް އެބޭފުޅާ ނަގާ އެއްލާލުމަށް ފަހު އެމްޑީޕީ ކުއްޖަކަށް ޓިކެޓް ދިނީ ކަމަށެވެ. 

އެހެންކަމުން ހިތަދޫގެ ރައްޔިތުންނަށް މިހާރު ވޯޓު ދޭން ޖެހޭ ގޮތް ވަރަށް ސާފު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ޓިކެޓް ލިބުނު ބޭފުޅާ އަތުން ޓިކެޓް އަތުލީ. ސިނާނަށް ލިބުނީ. 200 އެތައް ވޯޓެއްގެ ތަފާތަކުން. ދެން އޭނާ ނަގާ އެއްލާލާފައި އަޅުގަނޑުމެންގެ އެމްޑީޕީ ކުއްޖެއް ހޯދީ. ހޯދާފައި އޭނާއަށް މި ޓިކެޓް މިދިނީ ސޮޑާއަށް. ބައްލަވާ. ހިތަދޫ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ. ހިތަދޫ ރައްޔިތުންނަށް ވޯޓު ދޭން ވާ ގޮތް ވަރަށް ސާފުކޮށް އެ ރައްޔިތުންނަށް އެބަ އެނގޭ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުން ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީ އަށް މިހާތަނަށް މަސައްކަތެއް ކުރީ އެމްޑީޕީގެ ސަރުކާރުތަކުން ކަމަށާއި، އެހެން ހުރިހާ ސަރުކާރަކުން އިހުމާލުވެފައިވާ  ކަމަށެވެ. އަދި އިޖްތިމާއީ ގޮތުން ވެސް ކަމެއް ކޮށްފައި އޮތީ އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.