އައްޑޫ ސިޓީ، ހިތަދޫގައި އޮންނަ "މޫލެކެޑޭ ފިށިމަތި" ސަރަހައްދު ހިއްކުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމްށާއި އެކަމާއި މެދު ދައުވާ ވެސް ކުރަން ޖެހޭ ކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު އެފަދައިން ވިދާޅުވީ ފިށިމަތި ސަރަހައްދާއި މެދު އަމަލުކުރާ ގޮތުގެ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދައްކަވަމުންނެވެ. 

އެ ސަރަހައްދު ހިއްކަން ސަރުކާރުން ހިއްކަން ނިންމުމަކީ ވަރަށް ވިޔާނުދާ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ. "ސޭވް ފިށިމަތި" މި ނަމުގައި މިކަމާއި ދެކޮޅަށް ޒުވާނުން ތަކެއް ވަނީ ކެމްޕެއިން އެއްވެސް ފަށާފަ އެވެ.

ނިޒާރު ވިދާޅުވީ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގަސްތައް އެއްކޮށް ގެއްލިގެން ދާނެ ކަމަށެވެ. 'މެރިން ޕްރޮޓެކްޓެޑް' ނުވަތަ ހިމާޔަތްކޮށްފައިވާ އައްޑޫ ނޭޗާ ޕާކާއި އެންމެ ކައިރީގައި އޮތް އެ ސަރަހައްދު ހަރާބުކުރުން ބަލައި ނުގަނެވޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން މެންގްރޫވްތައް އެއްކޮށް ގެއްލިގެން ދާނެ. މިއީ ހެޔޮވާވަރު ކަމެއް ނޫން ކުރަން. މިކަން ކުރި ބަޔަކާއި މެދު ދައުވާ ވެސް ކުރަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މިފަދަ ނިންމުންތަކުގެ ސަބަބުން  ބަޔޮސްފިއާ އާ ގުޅުންހުރި މަޝްރޫއުތަކަށް ލިބޭ ފަންޑު ގެއްލިދާނެކަމުގެ ކަންބޮޑުވުން ތިމާވެއްޓާއި ބެހޭ ޖަމިއްޔާތަކުން ވަނީ ފާޅުކޮށްފަ އެވެ. އަދި މިކަމާއި ދެެކޮޅަށް އާއްމުން ދަނީ އަޑު އުފުލަމުންނެވެ.