ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީ ކޮށްފައިވާ ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަތަކުގައި އެކަކު ޖޫރިމަނާ ކޮށް ތިން މީހަކަށް އިންޒާރު ދީފައިވާ ކަަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު އެފްޑީސީން ބުނީ، ގެދޮރުވެރިޔާ ސްކީމް ދަށުން ތަރައްގީ ކޮށްފައިވާ 4000 ފްލެޓުގެ ތެރެއިން ބައެއް ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ފާހަގަކުރެވޭ ކަމަށެވެ. މިފަދަ މައްސަލައެއް ސަމާލު ކަމަށް އައުމާއެކު ބަލަން ޖެހޭ ކަންކަން ބަލާ ކަމަށާއި، ކުއްޔަށް ދޭ ކަމަށްވާނަމަ ފިޔަވަޅު އަޅާ ކަމަށެވެ.

ސޯޝަލް ހައުސިން ޔުނިޓް ކުއްޔަށް ނުދެވޭނެކަން ފާހަގަކޮށް އެފްޑީސީން ބުނީ، ފްލެޓު ކުއްޔަށް ދިން މައްސަލައެއްގައި މެއި މަހުގެ ތެރޭގައި އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ތިން މީހުންނަށް އިންޒާރުގެ ލިޔުން ދީފައިވާ ކަމަށެވެ. އަދި މިފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށް އެ ކޯޕްރޭޝަނުން ބުނެ އެވެ. 

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ ބޮޑުވެފައިވާއިރު، މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ވެސް ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއް ބޮޑުވެފައިވެ އެވެ. މި މައްސަލަ ވެސް ތަހުގީގުކޮށް އެ ފްލެޓުގެ ވެރިފަރާތުން ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އެ ފްލެޓުން ބިދޭސީން ނެރިފައިވެ އެވެ. 

މިފަދަ ފިޔަވަޅުތައް އެޅިނަމަވެސް ފާޅުކަން ބޮޑު ގޮތެއްގައި ފްލެޓުތައް ކުއްޔަށް ދޫ ކުރެ އެވެ. އަދި  ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) ން ބަލަހައްޓަމުންދާ ހިޔާ ފްލެޓުތައް ވެސް ކުއްޔަށް ދޫ ކުރާ މައްސަލަ ބޮޑެވެ.  މި މައްސަލައަށް ވެސް އެޗްޑީސީން ހައްލެއް ހޯދިފައިނުވާއިރު، މިކަން ނުހުއްޓުވޭނެ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން އެޗްޑީސީ އަދި އެފްޑީސީއަށް އަމާޒުވެފައިވެ އެވެ.