ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤު (ސޯބެ) ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ އާންމު މެމްބަރުން ވަނީ އެއާޕޯޓުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އާއި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވެސް ބައިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން ސޯބެގެ ކެމްޕެއިންގަ ބައިވެރިވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ބުރާސްފަތި ދުވަހު އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ފޯރި ގަދަވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެސް ވަނީ މި އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ. 

އެމްޑީޕީގެ ޓިކެޓުގައި މި ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ ސޯބެ އެކަނި ކަމަށްވާތީ، ޕްރައިމަރީއަކާ ނުލައި އޭނާއަށް ވަނީ ޓިކެޓު ކަށަވަރުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި މަހުގެ 6 ވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އާއި އަބްދުﷲ ސާދިގު (ސޯބެ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. 

ޕީއެންސީގެ ޓިކެޓަށް ބޭއްވި ޕްރައިމަރީގައި ސިނާން އަދި ސޮޑާ ވާދަކުރައްވައި، އެ ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވި ނަމަވެސް، ފަހުން އޭނާ ޓިކެޓު ދޫކޮށްލުމުން ޕީއެންސީން ވަނީ ސޮޑާ އަށް ޓިކެޓު ދީފަ އެވެ.