ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަންކޮށްފި އެވެ.

މި މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އިސްތިއުފާ ދެއްވުމުންނެވެ.

ޔަޒްމީދް އަކީ ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އައްޔަންކުރީ މެންބަރެކެވެ.

ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ. ޝަހީދު އެ ކޯޓަށް އައްޔަންކުރީ އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.  އެ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު މަގާމުން އިސްތިއުފާ ދެއްވިއިރު، ދެ ފަނޑިޔާރަކު މަގާމުން ވަކިކުރި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކައިރިވެފައި އޮއްވަ އެވެ. އެ މައްސަލަ ބަލަން ފަށާއިރު، ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ދެ ފަނޑިޔާރެއްގެ މައްސަލަ ބަލައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރި އެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަންކުރީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ސަސްޕެންޝަންގައި ހުންނަވަނިކޮށް މާޗް މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ޖޭއެސްސީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އައްޔަންކުރުމާއި، ފަނޑިޔާރުންނަށް ކުރިއެރުން ދިނުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމުގެ އިތުރުން، ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅޭގޮތުން ލަފާދިނުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުއައްސަސާ އެކެވެ. މީގެ އިތުރުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި، ފަނޑިޔާރުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަކީވެސް އެ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކެވެ.