ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޤާނޫނުން ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މި ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް ނިންމީ، ޤާނޫނުގައި ބަޔާންކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވިއިރުވެސް އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީގައި މިވަގުތު ތިބީ 1،569 މެންބަރުންނެވެ. އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ތިބީ 1،357 މެންބަރުންނެވެ. ސިޔާސީ ޕާޓީގެ ޤާނޫނު ބުނާގޮތުން ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ތިބެންޖެހެ އެވެ. މި އަދަދު ހަމަނުވާ ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް ތިން މަސްދުވަހުގެ ނޯޓިސް އެއް ކޮމިޝަނުން ދީފައިވެ އެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ފަހުން ރައީސް ނަޝީދާއި އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. 

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް 2018 ވަނަ އަހަރު ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީ އެކެވެ. މި ޕާޓީއަކީ މީގެ ކުރިން 2023 ވަނަ އަހަރުވެސް މެންބަރުން ހަމަނުވެގެން އުވާލަން ނިންމި ޕާޓީ އެކެވެ. ނަމަވެސް އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސިވިލް ކޯޓުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރި ހުކުމާ ގުޅިގެން، މިދިޔަ ނޮވެންބަރު މަހު އެ ޕާޓީ އަލުން ދަފްތަރުގައި ހިމެނި އެވެ. އެހެންނަމަވެސް، އަލުން ދިން މުއްދަތުގައިވެސް މެންބަރުން ހަމަނުވުމުން ކޮމިޝަނުން މިހާރު ވަނީ އެ ޕާޓީ އުވާލަން ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ދެ ޕާޓީ އުވާލުމަށް ނިންމީ ސިޔާސީ ޕާޓީގެ ޤާނޫނުން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން، އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. މިއާއެކު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މި ދެ ޕާޓީގެ ނަން އުނިވެގެންދާނެ އެވެ.