ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވުޖޫދުން
ގެއްލިގެން އެ ކުންފުނި ހޯދުމަށް އެޗް.ޑީ.ސީ ގައި އެދިފައިވާ ކަމަށް ބުނެ އެޑްވޮކަސީ
ޗެމްބަރސް ލޯފާމުން ފަތުރާ ޚަބަރަކީ ދޮގެއް ކަމަށް ބުނެ ހަމްބޯ ކުންފުނިން އެކަން ކުށްވެރިކޮށްފި
އެވެ.
ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެޑްވޮކަސީ
ޗެމްބަރސް މަސައްކަތްކުރަނީ ކޭޕާކް ވިކްޓިމްސް ނަމުގައި ކަމަށް ބުނިނަމަވެސް އެ ލޯފާމުން
ތަމްސީލުކުރަނީ ކޮން މުވައްކިލުންނެއްކަމާއި، މުވައްކިލުން ތަމްސީލުކުރުމުގެ ބާރުދީފައިވާ
ލިޔުމެއް ފޮނުވައިދެއްވުމަށް 2025 ގައި ފޮނުވި އީމެއިލް އަށް މިހާތަނަށް އެޑްވޮކަސީ
ޗެމްބަރސްގެ ފަރާތުން ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ބަޔާނުގައި ބުނީ އެޑްވޮކަސީ ޗެމްބަރސްއިން މަސައްކަތްކުރަނީ
އެ ކުންފުންޏަށާއި އެތައް ޢާންމު ފަރާތަކަށް ގެއްލުންދީފައިވާ ޙަސަން މަމްދޫޙުގެ ނިވާފަށްގަޑެއްގައި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިގޮތުން އެޑްވޮކަސީ ވިކްޓިމްސް ކަމަށްބުނެ އެފަރާތްތަކަށް
ޤާނޫނީ ޚިދުމަތް ދިނުމަށް މީގެ އެތައް އަހަރެއްކުރިން ޤާނޫނީ ފީ ނެގުމަށްފަހު އެ ފަރާތްތަކުގެ
މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި ނޫސް ބަޔާނެއް ނެރުމާއި، އެޗް.ޑީ.ސީ އަށް
ސިޓީއެއް ފޮނުވައި އެ ސިޓީ މީޑިއާތަކަށް ޢާންމުކުރުން ފިޔަވައި އިތުރު ކަމެއް އެ ލޯފާމުން
ނުކުރާ ކަމަށް ބަޔާނުގައިވެ އެވެ.
ހަމްބޯ ކުންފުނިން ބުނީ ޙަސަން މަމްދޫޙު އަދި ޖައިޝަން
ސަޢީދުގެ މައްޗަށް ޖިނާއީ ދަޢުވާކޮށްފައިވަނީވެސް އެ ކުންފުނީގެ ފަރާތުން ދިވެހި ފުލުހުންގެ
ޚިދުމަތަށް ހުށަހެޅި މައްސަލައިގައި ކަމަށެވެ. އެމައްސަލާގައި ޙަސަން މަމްދޫޙު 390
އަހަރަށް ޖަލަށްލުމަށް އަދި ޖައިޝަން ސަޢީދު 159 އަހަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަން
ޝަރުޢީ ޙުކުމްތަކުން ފެންނަން އޮތްކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
މަކަރާއި ޚިލާތް ހެދި ފަރާތަކީ ކޮބައިކަމާއި، އެކަން
ކުރީ އެ ކުންފުންޏަށާއި ޢާންމު ރައްޔިތުންނަށް އޮޅުވާލައިގެންކަން ޝަރުޢީ ގޮތުންވެސް ވަނީ
ސާބިތުވެފައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން، ދަޢުވާކުރަންޖެހޭ ފަރާތަކީ
ކޮބައިކަން ނޭނގިގެން ވަކީލުންތަކެއް އަބަދާ އަބަދު ސިޓީ އެކި ތަންތަނަށް ފޮނުވައި
ވާނުވާ ނެނގުމެއް ތެރޭގައި އުޅެންޖެހޭ ސަބަބެއް ނެތް ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ އެޑްވޮކަސީ ޗެމްބަރސް ނޫނަސް ކޭޕާކާ
ގުޅުންހުރި މައްސަލަތަކުގައި ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅައި އެފަދަ މައްސަލަތައް
އެހެން ލޯފާމުތަކުންވެސް ކޮށްފައި އެބަހުރި ކަމަށެވެ. އެޑްވޮކަސީ ޗެމްބަރސް އާ ޖެހުމުން
ދަޢުވާކުރަންޖެހޭ ފަރާތް އޮޅިގެން ގެއްލިގެން އުޅޭ ފަރާތެއް ނެތް ކަމަށާއި މިއީ ޤާނޫނީ
ވަކީލުން ޢަމަލުކުރަންޖެހޭ ޒިންމާދާރު ގޮތެއް ނޫން ކަމަށް ބަޔާނުގައިވެ އެވެ.
ފޮރިން އިންވެސްޓްމަންޓް އެއްބަސްވުން ދައުލަތާއިއެކު
ހަދާފައިވަނީ އެ ކުންފުންޏާއެކުގައި ކަމަށްވެފައި، އެ ކުންފުނި މިހާރުވެސް ވުޖޫދުވެ
އަދި ޝަރުޢީ އެތައް ނިންމުމެއްގައި މި ކަމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތަކީ
ހަމްބޯ ކުންފުނި ކަމުގައި އެނގެން އޮތްއިރު، އެޑްވޮކަސީ ޗެމްބަރސް
އިން ކުރާ ކަމަކީ އެ ފަރާތްތަކުގެ މުވައްކިލުންނަށް ޙަޤީޤަތް ފޮރުވުމަށް ކުރާ މަސައްކަތެއްކަމުގައި
ދެކޭ ކަމަށް ބަޔާނުގައިވެ އެވެ.
ވީމާ، ޤާނޫނީ ވަކީލުން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް
އިލްތިމާސްކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.