ތޭރަ މިލިއަނުގެ ހިޔާނާތެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ''މާލެ ޓެކްސީ އެޕް" ލޯންޗު ކޮށްފި އެވެ. 

އަންގާރަ ދުވަހު އެމްޓީސީސީން ބުނީ، އެ ކުންްފުނީގެ ޓެކްސީ އެޕް މިހާރު އެޕަލްގެ އެޕް ސްޓޯރުން ލިބޭނެ ކަމަށާއި، ކިއުއާރު ކޯޑު ސްކޭން ކޮށްގެން ވެސް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.  އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ، ގޫގުލް ޕްލޭ ސްޓޯރުގެ އެޕްލިކޭޝަން ވަރަށް އަވަހަށް ތައާރަފު ކުރެވޭނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. 

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ 2 އޭޕްރީލް 2026 ގައި ސެންޓްރަލް ޕާކްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޚިދުމަތާއެކު އެޕްލިކޭޝަން ވެސް ލޯންޗު ކުރި އެވެ. 

ނަމަވެސް އެޕްލިކޭޝަންގައި ހުރި  ސެކިއުރިޓީ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާއެކު، އެ އެޕް ޑައުންކޮށްލި އެވެ. އަދި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެގެން ދިޔަ އެވެ. 

އެމްޓީސީސީން "މާލެ ޓެކްސީ އެޕް" ތަރައްގީ ކުރުމަށް 13 މިލިއަން ރުފިޔާއަށް ތަޖުރިބާއެއް ނެތް ކުންފުންޏަކާ ހަވާލުކޮށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދޭ ގޮތުގައި ޓެކްސީގެ ޚިދުމަތް ފެށި އިރު މަސައްކަތް ނުކުރާ އެޕަށް 13 މިލިއަން އޮތީ ދޫކޮށްފަ އެވެ.

މި ހިޔާނާތާ ގުޅިގެން 20 އޭޕްރީލް 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މާލެ ޓެކްސީ އެޕް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެނގިވަޑައިގަތީ ނުރަސްމީކޮށް ކަމަށް ވިދާޅުވެފަ އެވެ. އަދި ކޮރަޕްޝަންގެ ތުހުމަތަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޓްރާންސްޕޯޓު މިނިސްޓްރީ މެދުވެރިކޮށް އެހުރިހާ ކަމެއް ބަލާނެ ކަމަށާއި، ރަނގަޅު މަގުން ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެއްވެސް ފަރާތަކަށް ގާނޫނާ ގަވާއިދާ ހިލާފަށް ނުވަތަ އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވަައިގެން ނުރަނގަޅު ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން 18 އޭޕްރީލް 2026 ގައި މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، އަގު ނަގަން ވަނީ ފަށާފަ އެވެ. އަދި މި ޚިދުމަތް ދިނުމަށް 150 އިލެކްޓްރިކް ވެހިކަލް ބޭނުންކުރާއިރު، ދުވާލަކު 24 ގަޑިއިރު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްޓީސީސް ބުނި ނަމަވެސް ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ.