މިއަހަރުގެ
ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ
އޮފީހަށް އާންމު ފަރާތްތަކުން ޖުމުލަ 546 ޝަކުވާއެއް ހުށަހަޅާފައިވާކަން އެ އޮފީހުގެ
ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ރައީސް އޮފީހަށް ހުށަހަޅާފައިވާ މި ޝަކުވާތަކުގެ
ތެރޭގައި އެކި ދާއިރާތަކާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ހިމެނެއެވެ.
މައުލޫމާތު
ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން އަމިއްލަ އިސެނެގުމުގެ މަތިން ހާމަކުރާ
މައުލޫމާތުގެ ގޮތުގައި ރައީސް އޮފީހުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު،
އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން
ބޯހިޔާވަހިކަމުގެ ދާއިރާއިން 147 ޝަކުވާއެއް ހުށަހަޅާފައިވާއިރު، އެކި ބާވަތުގެ އެހީތެރިކަމަށް
އެދި 91 ފަރާތަކުން ވަނީ ޝަކުވާ ހުށަހަޅާފައެވެ.
މީގެ އިތުރުން
ވަޒީފާއާ ގުޅުންހުރި 42 ޝަކުވާއަކާއި، ރަށްރަށުގެ ޢުމްރާނީ ތަރައްޤީއާ ގުޅޭ 24 ޝަކުވާއެއްވެސް
މި މުއްދަތުގެ ތެރޭގައި ވަނީ ލިބިފައެވެ.
މި ދާއިރާތަކުގެ
އިތުރުން، ޝަރުޢީ ދާއިރާއާއި ޤާނޫނީ ކަންކަމާ ގުޅުންހުރި ބައެއް މައްސަލަތައްވެސް ރައީސް
އޮފީހަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުށް މަޢާފުކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ
މައްސަލަތަކާއި، ތަފާތު ތަޙްޤީޤުތަކާ ގުޅޭ ޝަކުވާތަކާއި، ޕެންޝަން ފައިސާއާ ގުޅޭ މައްސަލަތައް
ހިމެނެއެވެ.
އަދި އެކި ސަބަބުތަކާ ހުރެ އަރާފައިވާ ޖޫރިމަނާތައް
މަޢާފުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ޝަކުވާތަކާއި، ލޯނުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް
ހިމެނޭ ޕެޓިޝަންތައްވެސް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް
އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ވަކި ގިންތިއަކަށް ނުފެތޭ 80 ލިޔުމެއް
ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ އާންމު ޝަކުވާތަކުގެ އިތުރުން، ސަރުކާރުގެ މަޢުލޫމާތަށްޓަކައި
ފޮނުވާފައިވާ ލިޔުންތަކާއި، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ފޮނުވާފައިވާ
ޝުކުރުގެ ލިޔުންތަކެވެ.
ރައީސުލްޖުމްހޫރިއްޔާގެ
އޮފީހަށް ހުށަހަޅާ މިފަދަ ޝަކުވާތަކަކީ އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ސަރުކާރުގެ
ސަމާލުކަމަށް ގެނައުމަށް އޮންނަ މުހިންމު ވަސީލަތެކެވެ.