ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް ކަމަށާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ގައި ވާދަ ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބޮޑު ބަދަލު ކެންޕޭނަށް ށ. ފޭދޫއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައްޔިތުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެތޯ ސުވާލު ކޮށްފަ އެވެ. އަދި ނަޝީދު ނޫން މީހަކަށް އިތުބާރު ނުކުރެވޭ ކަމަށާއި، އެމަނިކުފާނު ނޫން މީހަކު ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ. 

މި ސުވާލުތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޒުވާން ޖީލަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުންގެ ފަހަތުގައި ހުންނަވާނެ ކަމަށެވެ.

ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް އަނެއްކާ ރައީސްކަމުގެ ކެންޕޭނެއް ނިމޭއިރުގައި މީހާއަށް ވެސް ވަރަށް ގިނަ ވަރުވެފައި ހުންނަނީ. ދެން އަޅުގަނޑަށް ވެސް ވަަރަށް ގިނަ ކަންތައް ކުރެވިއްޖެ މިހާރު. ރައީސްކަން ކުރެވިއްޖެ. މަޖިލީހުގެ ރައީސްކަން ވެސް ކުރެވިއްޖެ. ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކެޓްރީ ޖެނަރަލްކަން ވެސް ކުރެވިއްޖެ. ދެން އަޅުގަނޑުގެ ހިތަށް އަރަނީ މިއީ އަޅުގަނޑުމެންގެ ހަގު ޖެނަރޭޝަން މިސާލަކަށް ފަޔާމެން މިއީ އަޅުގަނޑުމެންނަށްވުރެ ގާތްގަނޑަކަށް 6 އަހަރު ނުވަތަ 7 އަހަރު ހަގު. އެމީހުންނާއެކު އަޅުގަނޑު އިންނާނަން ދެން މުގުލުގައި.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ބޮޑު ބަދަލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރާއި ދައުލަތް ވަކިވާން ޖެހޭ ކަމަށެވެ. އަދި މި ބަދަލަށް ރައްޔިތުން ތާއީދު ކުރުމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ގެންދަވަނީ ގޮވާލައްވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވެސް މިއީ ވަރަށް ނުބައި މަގާމެއް ވެސް މެ. އަޅުގަނޑުމެން ބޮޑު ބަދަލެއްގައޭ އެބަ ބުނަން ސަރުކާރާއި ދައުލާތާ ވަކި ކުރަން. މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ކޮޅެއް ނެތް ބާރުތައް އެއީ ވެސް ކޮންމެހެން ތަރައްގީއަށް މަގުފަހިވާ ކަމެއް ނޫން. އަދި ބައެއް ފަހަރު އަޅުގަނޑުމެންގެ ބޮޑު އަމާޒަކީ ރަށްރަށަށް މަރުކަޒީ ބާރު ލާމަރުކަޒު ކުރުން. ރަށްރަށަށް އެބާރުތައް ފޯރު ކުރުން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ ބޮޑު ބަދަލުގެ އެ ހުށަހެޅުމަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ދައުަލަތުގެ ވެރިޔަކަށް ވުމުގެ ޝައުގެވެރިކަން ފާޅުކުރައްވާފަ އެވެ.