ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުން މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް ޖުމުލަ 15
މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށް އެ އޮފީހުންބުނެފިއެވެ.
ރައީސް
އޮފީހުން އެހެން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ
ދަށުން ދައުލަތުގެ މުއައްސަސާގެ އަމިއްލަ އިސްނެގުމަށް ހާމަ ކުރަންޖެހޭ
މައުލޫމާތުގެ ތެރެއިންއާންމުކުރިމައުލޫމާތުގައެވެ. އެގޮތުން ރައީސް އޮފީހުން
ވަނީ މިއަހަރު ކުރަން ރާވާފައިވާ މަސައްކަތްތަކަށް ދާނެކަމަށް ލަފާކުރެވޭ ޚަރަދުތަކުގެ
ތަފްސީލު އާންމުކޮށްފައެވެ.
ރައީސް
އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، 15،395،382 (ފަނަރަ މިލިއަން
ތިންލައްކަ ނުވަދިހަ ފަސްހާސް، ތިންސަތޭކަ އައްޑިހަ ދެ) ރުފިޔާ ޚަރަދުވާނެކަމަށް
ވަނީ އަންދާޒާކޮށްފައެވެ.
އޭގެ
ތެރެއިން ބައެއް ޚަރަދުތަކަށް ބަލާއިރު، ރައީސް އޮފީހުގެ މެއިންޓެނަންސް ޚަރަދުގެ
ގޮތުގައި މިލިއަނެއްހާ ރުފިޔާ ހިމަނާފައިވެއެވެ. އަދި 2 ކޮމްޕިއުޓަރ ނެޓްވޯކް ކޯރ-ސުވިޗް
ހޯދުމަށް 1.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، 2 އެއާކޯން ސިސްޓަމް ހޯދުމަށް 1.6
މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
މީގެ
އިތުރުން، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށްވެސް ދެ މިލިއަން ރުފިޔާ
ޚަރަދުވާނެކަމަށް ހިމަނާފައިވެއެވެ.
ބައެއް
އިތުރު ޚަރަދުތަކަށް ބަލާއިރު، 5 އެގްޒެކެޓިވް ގޮނޑިސެޓާއި މޭޒު ސެޓަށްވެސް 120،000
ރުފިޔާ ދާނެކަމަށް އަންދާޒާކޮށްފައިވެއެވެ. އަދި 50 މީޓިންގ ރޫމް ގޮނޑިއަށް
200،000 ރުފިޔާ ހިމަނާފައިވެއެވެ. ރައީސް އޮފީހަށް މިއަހަރަށް ބޭނުންވާ ކަރޕެޓު
އަދި ވޯލްޕޭޕަރ ހޯދުމަށްވެސް 500،000 ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
މިއީ
ރައީސް އޮފީހުން ކުރަން ނިންމާފައިވާ ބައެއް ކަންކަމަށް އަންދާޒާ ކޮށްފައިވާ ޚަރަދުތަކެވެ.
މިއީ ޚަރަދު
ކުޑަކުރަން ދައުލަތުގެ ކުންފުނިތަކުން މުވައްޒަފުން މަދުކޮށް، މަޝްރޫއުތައް ހުއްޓެމުންދާ
ދަނޑިވަޅަކަށްވާއިރު، ވީހާވެސް ޚަރަދު ކުޑަކުރަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދައުލަތުގެ ކުންފުނިތަކުގައި
މަސައްކަތްކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރެވި، ބައެއް މަޝްރޫއުތައް ވެސް މެދުކަނޑާލައި،
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ޚަރަދު މިހާ ބޮޑުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.