ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސަރވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ. 24 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

އަތުލައިގަނެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއެއަރޕޯޓުުން ރާއްޖެ އަށް އެތެރެ ކުރަން އުޅުނު މެތަމްޕެޓަމިން ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. 

އެ މަސްތުވާތަކެތީގެ އަގު 1.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އެސަރވިސްއިން ބުނެ އެވެ. 

ދޭތެރެދޭތެރެއިން ކަސްޓަމްސްއިން ދަނީ ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.

އެގޮތުން މެއި މަހުގެ ތެރޭގައި ވެސް 21 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ތިން މީހުން ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އޭޕްރީލް މަހުގެ ތެރޭގައި ވެސް 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވެ އެވެ. އަދި މިފަދަ މައްސަލަތަކުގައި ދިވެހީންނާއި ބިދޭސީން ވެސް ހައްޔަރުކޮށްފައިވެ އެވެ.