ދިވެހި ޑިޒައިނަރު ހުސައިން ނިޔާޒުގެ އަމިއްލަ
ފަރުމާއެއް ދައުލަތުގެ މީޑިއާއިން ހުއްދަނެތި ބޭނުންކޮށްފައިވާތީ އޭނާ އެކަމުގެ
ކަންބޮޑުވުން ފާޅުކުރުމުން، ކޯޓަށް ދިޔަސް ހެޔޮކަމަށް ދައުލަތުގެ މީޑިއާއިން
ބުނެފިއެވެ.
ނިޔާޒު ފަރުމާކޮށްފައިވާ "ބޮޑުމަސް"
ޑިޒައިން ޓީވީއެމްގެ އީދު ކަވަރޭޖުގެ އެކި ކަންކަމުގައި ބޭނުންކޮށްފައިވަނީ އޭނާގެ
އެއްވެސް ހުއްދައެއް ނެތި ކަމަށް ބުނެ އޭނާ ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި
ނިޔާޒު ބުނީ، ޓީވީއެމް އިން އޭނާގެ ބޮޑުމަސް ޑިޒައިން ބޭނުންކުރުމަށް އެއްވެސް ހުއްދައެއް
ދީފައިނުވާނެ ކަމަށެވެ. މިއީ ވަރަށް ދެރަވަރު ކަމެއްގެ ގޮތުގައި ސިފަކުރަމުން ނިޔާޒު
ބުނީ، އޭނާ ކުރާ މަސައްކަތުގައިވެސް އަގެއް އޮންނަންވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އަދި އޭނާ މި ދާއިރާގައި ކުރާ އެއްވެސް މަސައްކަތަކަށް ޓީވީއެމް އަކީ ދުވަހަކުވެސް
އެއްބާރުލުން ދީފައިވާ ބައެއް ނޫންކަންވެސް އޭނާ ފާހަގަކުރިއެވެ.
ނިޔާޒު އިތުރަށް ބުނި ގޮތުގައި، މިއީ އޭނާގެ އުފެއްދުމެއް
ހުއްދަނެތި ދައުލަތުގެ މީޑިއާއިން ބޭނުންކުރި ދެވަނަ ފަހަރެވެ. އެހެންކަމުން މިފަހަރު
އެ މަސައްކަތުގެ އަގު ޓީވީއެމް އިން ދައްކަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ އާންމުންނަށް
ހިލޭ ބޭނުންކުރެވޭ ގޮތަށް ދޫކޮށްލާފައިވާ ފޮންޓުތައް ބޭނުންކުރުމަކީ މައްސަލައެއް ނޫން
ނަމަވެސް، ހިލޭ ދޫކޮށްފައި ނުވާ އަމިއްލަ އުފެއްދުންތައް ބޭނުންކުރާނަމަ އެއަށް އުޖޫރަ
ދޭންޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ރާއްޖޭގެ އުފެއްދުންތެރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ
ހައްގުތައް ހިމާޔަތްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެމުންދާ މި ދަނޑިވަޅުގައި،
ދައުލަތުގެ މީޑިއާ ފަދަ ޒިންމާދާރު މުއައްސަސާއަކުން އަމިއްލަ ފަރުދެއްގެ އުފެއްދުންތެރިކަމުގެ
ހައްގަށް އަރައިގަތުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ކަމެކެވެ.
ނިޔާޒުގެ މި އާޓްވޯކް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ
މައްސަލައިގައި ރަސްމީކޮށް ޝަކުވާ ކުރުމުން ޕީއެސްއެމްއިން ވަނީ ކޯޓުގައި ދިފާއުވުމަށް
ތައްޔާރަށް ތިބި ކަމަށް ނިޔާޒަށް އަންގާފައެވެ.
ޕީއެސްއެމްގެ ގާނޫނީ ޑިޕާޓްމަންޓުން ނިޔާޒަށް ފޮނުވި
އީމެއިލްގައި ބުނެފައިވަނީ، އޭނާ މި މައްސަލަ ކޯޓަށް ގެންދިއުމަށް ނިންމަވާނަމަ، ކުންފުނިން
ކޯޓުގައި ކާމިޔާބުކަމާއެކު ދިފާއުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނިޔާޒް ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓީވީއެމްފަދަ
ކުންފުންޏަކުން އާދައިގެ ޑިޒައިނަރެއްގެ މަސައްކަތް ހައްގުނަގައި، އެއަށްފަހު ކޯޓުގައި
އިންކާރުކޮށް ބަހަނާ ދައްކަން ދެމިތިބުމަކީ ވަރަށް ހިތާމަކުރުވަނިވި ކަމެއް ކަމަށާއި،
މިކަމުގައި އާންމުންގެ އެހީތެރިކަމަށްވެސް އެދޭކަމަށެވެ.