ޑިފެންސް މިނިސްޓަރު ފަދަ ދައުލަތުގެ މުހިއްމު
މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކުރާއިރު އެކަށީގެންވާ
ސަބަބުތަކެއް އޮންނަންވާނެ ކަމަށް ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
އަލީ ހުސައިން ވިދާޅުވީ، ޑިފެންސް މިނިސްޓަރު ފަދަ ދައުލަތުގެ މުހިއްމު މަގާމުތަކުގައި
ތިއްބަވާ ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން ވަކިކުރާއިރު އެކަށީގެންވާ ސަބަބުތަކެއް
އޮންނަންވާނެ ކަމަށެވެ.
އެހެން ނަމަވެސް ސަރުކާރުގެ ކެބިނެޓަށް މިފަހުން
ގެނައި ބަދަލުތަކުން ފެނިގެންދިޔައީ ލަނޑެއް ޖަހަން ލިބުނު ފުރުސަތެއްގައި ފަހަތަށް
ޖެހި ޕާހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ސަރުކާރުގެ ސައިޒު ކުޑަކުރާނެ
ކަމަށް ބުނެ ދެއްކި ވާހަކަތަކާއެކު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވުނު
ނަމަވެސް، އަމަލީ ގޮތުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އިތުރަށް
ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ އޮޑި މިހާރު ދަނީ ފެތެމުން
ކަމަށާއި، ވަކި ހިސާބަކަށް ދިއުމުން ރިޔަލުގެ ދަށުވެ ސަލާމަތްވާން އުނދަގޫވާނެ ކަމަށެވެ.
މިއަދު ގައުމުގެ ސިޔާސީ މަސްރަހުން ފެންނަމުންދަނީ އެ ބިރުވެރި މަންޒަރު ކަމަށްވެސް
އޭނާ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަމުންދާ
ގޮތަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުން ދޭ ހާއްސަ ނަފާއާއި މަންފާތައް
ލިބެމުންދަނީ ވެރިކަން ކުރާ ޕީއެންސީގެ ވަކި މެމްބަރުންތަކަކަށް ކަމަށެވެ. އަދި މަޖިލީހުގެ
ތެރޭގައި ހުރިހާ ކަމެއް ލީޑުކޮށް ބާރުވެރިކަން ދައްކަނީވެސް ވަކި ބަޔަކު ކަން ސޯޝަލް
މީޑިއާގެ ޕްލެޓްފޯމްތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް
މިހާރު ބަދަލު ގެނެސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ރައީސްގެ އިތުބާރު
ނެތްކަމުގެ ވޯޓެއް ނެގުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އަލީ ހުސައިން ވަނީ ލަފާކުރައްވާފައެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި މަޖިލީހުގެ ހިންގުމަށް އަންނަމުންދާ ބަދަލުތަކަށް ބަލާއިރު،
ސިޔާސީ މަސްރަހު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.