ރާއްޖޭގައި
ޒިންމާދާރު އިދިކޮޅު ސިޔާސީ ހަރަކާތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު
މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށާއި، މިވަގުތު
ރާއްޖޭގައި ވަރުގަދަ އިދިކޮޅު ފަރާތްތަކެއް އެބައޮތްކަން ރައީސަށްވެސް އެނގިލައްވާނެ
ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި
ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތްނަމަ، ދާދިފަހުން ބޭއްވި ރެފަރެންޑަމް ވޯޓުގައި
ސަރުކާރު 30 އިންސައްތައަށް ބަލިކޮށް ނުލެވުނީސް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުތަކުގައި
ރާއްޖޭގެ ހުރިހާ ސިޓީއަކުން އިދިކޮޅު ފަރާތްތަކަށް އެވަރުގެ ބޮޑު ތާއީދެއް ލިބިގެން
ނުދިޔައީސް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައީސަށް އިދިކޮޅު ފަރާތްތައް
ނުފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު
އަހުމަދު ދީދީ އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރަށް ކުރިއަށް އޮތް
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މިހާރު އޮތް
ވަރުގަދަ އިދިކޮޅު ހަރަކާތްކަން ރައީސަށް ވަރަށް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ.
އަދި ދޮގު ހެދުމާ ގުޅޭގޮތުން ރައީސް ވާހަކަ ދައްކަވާއިރު، ގިނަ ރައްޔިތުން ގަބޫލުކުރާ
ގޮތުގައި ރައީސަކީ ދޮގު ހައްދަވާ ބޭފުޅެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބޮޑަށް ބެލެވެނީ އެއީ ޖަޒުބާތުގައި ޖެހިގެން ދައްކާ ވާހަކަ ކަމަށް، ސަބަބަކީ ރައީސަށްވެސް އެނގިލައްވާ މިވަގުތު ވަރުގަދަ އޮޕޮޒިޝަނެއް ރާއްޖޭގައި އެބަ އޮތްކަން، އަދި އެމަނިކުފާނުގެ ސަރުކާރަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީވެސް މި އޮޕޮޒިޝަންކަން ރައީސަށް އެނގިލައްވާ.
މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މީގެ އިތުރުން،
ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާތީ ރައްޔިތުން ތިބީ ނުހަނު ބޮޑަށް
މާޔޫސްވެފައި ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަމުން ނުދާކަން
ރަށްރަށުން ފެންނަން އޮތް ކަމަށްވެސް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ
ވިދާޅުވެފައެވެ. އަދި އަތޮޅުތެރޭގެ 60 އަށްވުރެ ގިނަ ރަށަށް އޭނާ ކުރެއްވި ދަތުރުފުޅުތަކުން
ފެނިގެންދިޔައީ ޕީއެސްއައިޕީގެ ދަށުން ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ
މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ
މަސައްކަތްތަކަށް ފާޑުވިދާޅުވަމުން އަހުމަދު ދީދީ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ
ނޫސްވެރިންނާވެސް ވަރަށް ބީރަށްޓެހި ބޭފުޅެއް ކަމަށެވެ.