ކޮވިޑުގެ ހާލަތުގައި އޮތް މިންވަރަށް ވުރެ މިހާރު ރާއްޖޭގެ ފަތުރުވެރިކަން ގޯސް ކަމަށާއި ހާލަތަށް ރިއާޔަތްކޮށް އެކަމާ މެދު ފިޔަވަޅެއް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނާޅާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިވެދާނެތީ ސަރުކާރުގެ އެހީއަށް ޖަމިއްޔާ ޖަމާއަތްތަކުން އެދުނު ނަމަވެސް، އެ އަދަދާ ގުޅުވައިގެން ސީދާ އެހީތެރިކަމެއް ދިނުމަށް ވިސްނާފައި ނެތް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކުރި އާއި އަޅާ ބަލާ އިރު ފާއިތުވި މަސްތަކުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން މަދުވެފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ދީދީ ވަނީ ފަތުރުވެރިކަން ދަށްވަމުންދާ މިންވަރު ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކުން ފެންނަން ހުރި ނަމަވެސް ސަރުކާރުން އެކަމާ މާ ބޮޑު އަޅާލުމެއް ނުބަހައްޓާ ކަަމަށް ވެސް ވިދާޅުވެފަ އެވެ. ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމާއި މެދު ސަރުކާރުގެ ރަނގަޅު ޕްލޭނެއް ނެތް ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ. 

ދީދީ ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އޮކިއުޕެންސީ ދަށްވުމުގެ ސަބަބުން އެ ސިނާއަތުން ރާއްޖެ އަށް ވަންނަ ފައިސާ އިންތިހާ އަށް މަދުވެފައިވާ ކަމަށެވެ. ރާއްޖޭގެ ބެޑްކެޕޭސިޓީ އިތުރުވެފައި ވީ ނަމަވެސް އެކަމުން މަންފާ ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށް ދީދީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިސޯޓްތައް ރަނގަޅަށް ނުހިންގިގެން މުވައްޒަފުން ޗުއްޓީ އަށް ނުވަތަ ނޯޕޭ އަށް ބައެއް ރިސޯޓްތަކުން މީހުން ފޮނުވާ ކަމަށެވެ. ބައެއް ރިސޯޓްތަކުން މުވައްޒަފުން މަދު ކުރުމާއި އިތުރު މުވައްޒަފުން ނެގުން މަޑު ޖައްސާލުން ފަދަ ފިޔަވަޅުތައް އަޅަމުންދާކަން ދީދީ ވަނީ ފާހަގަކުރައްވާފަ އެވެ.

ދީދީ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާލަތު ގޯސްވެގެން ދާއިރު ފަތުރުވެރިކަމުގެ ވުޒާރާ އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން އެކުލަވާލާފައިވާ ކުންފުނިން ވެސް އެ މަސައްކަތް ނުކުރާ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިން ރާއްޖެ އައުން އިތުރު ކުރުމަށް ރާއްޖެ އަށް އިތުރު ފްލައިޓްތައް ގެނައުމަށް ވެސް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ދީދީ ވަނީ ވިދާޅުވެފަ އެވެ. 

"ފަތުރުވެރިން އިތުރުކުރަން ވަކި ކޮންކަމެއްތޯ އިތުރަށް ކުރީ. އެއާޕޯޓްސް ކުންފުނިން ވެސް ފްލައިޓްތައް އިތުރުކުރާކަށް. ރައީސްގެ އެހެނިހެން ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަނީ. މިހާރު އިންޑަސްޓްރީ ހުރި ގޮތުން އެހެނިހެން ދިމަ ދިމާލުން މާކެޓްތަކަށް މީހުން ގެނެވޭނެ ގޮތް ހަދަން ޖެހޭ."ދީދީ ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ބަޔަކީ ފަތުރުވެރިކަން ކަމަށް ވާއިރު އެ ސިނާއަތް ދަށް ވެގެން ދާން ދޫކޮށްލައިގެން ނުވާނެ ކަމަށް ދީދީ ވިދާޅުވި އެވެ. މިދިޔަ އަހަރާއި އަޅާ ބަލާނަމަ ލައްކަ އަކަށް ވުރެ ގިނަ ފަތުރުވެރިން މަދު ވެފައިވާ ކަމަށާއި އެކަމުގެ ގެއްލުން އެ ސިނާއަތަށް އިންތިހާ އަށް ކުރާނެ ކަމަށް އެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެ އެވެ.