ކޭޕާކު އެޕާޓުމަންޓް ތައް ހަދަން އުޅުނު ހަންބޯ ކުންފުނި "ވުޖޫދުން ގެއްލިގެން" އެ ކުންފުނި ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެހީތެރިކަމަށް، "ކޭޕާކް ސްކޭމް" ގައި ޖެހުނު ބަޔަކު އެދިއްޖެ އެވެ. 

މިކަމާ ގުޅިގެން ކޭޕާކުން އެޕާޓްމެންޓް ގަތުމަށް ފައިސާ ދައްކައިގެން އެޕާޓްމެންޓް ނުލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ގާނޫނީ ގޮތުން ތަމްސީލުކުރާ ލޯފާމް "އެޑްވޮކަސީ ޗެމްބާސް" އިން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ސިޓީ އެއް ފޮނުވާފަ އެވެ. 

އެޑްވޮކަސީ ޗެމްބާސް އިން އެޗްޑީސީ އަށް ފޮނުވި ސިޓީގައި ވަނީ ހަންބޯ ކުންފުންޏާ މުއާމަލާތު ކުރެވޭނެ މަގެއް ހޯދުމުގެ ގޮތުން އެޗްޑީސީއާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް އެދިފަ އެވެ. އެ ލޯފާމުން ބުނި ގޮތުގައި ކޭޕާކު ޕްރޮޖެކްޓާ ގުޅިގެން ހުރި މައްސަލަތަކަށް ހައްލެއް ހޯދަން ކުރާ މަސައްކަތަށް އެޗްޑީސީގެ ފަރާތުން މިހާތަނަށް އެއްވެސް އެއްބާރުލުމެއް ލިބިފައެއް ނުވެ އެވެ. މި ސަބަބާ ހުރެ އެޕާޓްމެންޓްތައް ގަތް މީހުން ހުށަހަޅާފައި ހުރި މައްސަލަތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް ވެސް އެ ލޯފާމުން ވަނީ ފާހާގަކޮށްފަ އެވެ. 

އެޑްވޮކަސީ ޗެމްބާސްއިން ބުނާ ގޮތުގައި، އެ ލޯފާމުން ތަމްސީލުކުރާ ކޭޕާކް ވިކްޓިމުންގެ ފަރާތުން ޑިވެލޮޕަރާ ބައްދަލުކޮށްގެން ވެސް މައްސަލަތަކަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކުންފުނި މިހާރު ވުޖޫދުން ގެއްލިފައިވާތީ މުއާމަލާތު ކުރެވޭނެ ހުރިހާ މަގެއް ބަންދުވެފައިވާ ކަމަށް އެ ލޯފާމުން ބުނެއެވެ.

މިކަމުގައި އެޗްޑީސީގެ އެހީއަކަށް އެދުނީ ޑިވެލޮޕަރު ހުރި ތަނަކުން ހޯދައި އެމީހުންނާ ބައްދަލުކުރަން ބޭނުންވާތީ، އެ މައުލޫމާތު ދެވޭނެ ފަރާތަކީ އެޗްޑީސީ އަށް ކަމަށް ވާތީ ކަމަށް އެޑްވޮކަސީ ޗެމްބާސް އިން ބުނެފައިވެ އެވެ.

2016 ވަނަ އަހަރު އެޗްޑީސީގެ ފަރާތުން ހަންބޯ ކުންފުންޏާ ހަވާލުކުރި ކޭޕާކް ފްލެޓްގެ މަސައްކަތް އަދި ވެސް ނުނިމޭތީ އެ ފްލެޓްތައް ގަތް ފަރާތްތަކަށް ވަނީ އެތައް ގެއްލުމަކާއި ކުރިމަތިލާން ޖެހިފަ އެވެ. ކޭޕާކު ފްލެޓްތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކާފައި ވާތީ ހަސަން މަމްދޫހު މަންޑޭގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ވަނީ ސާބިތުވެފަ އެވެ. އަދި އޭނާއަށް 397 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް ކޭޕާކް ފްލެޓް ގަތް ގިނަ މީހުންނަށް މިއަދާ ހަމައަށް އިންސާފު ނުލިބުނުތާނގަ މި މައްސަލައިގެ ސައްހަ މައުލޫމާތު ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ފޯރުކޮށްދީފައެއް ނުވެ އެވެ.