ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރީ ހިންގުން
މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުމުގެ މަގުސަދުގައި އެ މުއައްސަސާގެ
ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، 2026 ޖޫން
1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި މި އައު އޮނިގަނޑަކީ ފުލުހުންގެ ހިދުމަތް
ދިނުމުގައި މިހާރަށްވުރެ ފުރިހަމަ ނަތީޖާއެއް ހާސިލުކުރުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް
ކަމަށެވެ.
މި ބަދަލުތަކާ ގުޅިގެން، އައު އޮނިގަނޑާ އެއްގޮތްވާ
ގޮތުގެ މަތިން މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތާއި، ހިންގުމުގެ
ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފުލުހުންގެ އިދާރާއިން
މިހާރު ދަނީ ކުރަމުންނެވެ. މިގޮތުން އައު އޮނިގަނޑު ތަންފީޒުކުރުމުގެ އަމަލީ ގިނަ މަސައްކަތްތަކެއް
މިހާރު ވެސް ފެށިގެން ކުރިއަށްދާކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.
އައު އޮނިގަނޑު ތަރުތީބުކޮށްފައިވަނީ ފުލުހުންގެ
މައިގަނޑު ހިދުމަތްތައް ވަކިވަކި ކޮމާންޑްތަކެއްގެ ދަށުން ހިންގާ ގޮތަށެވެ. މީގެ ތެރޭގައި
ތަހުގީގީ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ،
ޓްރޭނިންގ އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މުހިންމު ހުރިހާ ދާއިރާތަކެއް ވަނީ ހިމަނާފައެވެ.
މި އޮނިގަނޑުގެ ދަށުން ކޮމާންޑް ލެވެލްގައި ހިމެނޭ
ބައިތަކުގެ ތެރޭގައި އޮފީސް އޮފް ދަ ކޮމިޝަނަރާއި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ
އެންޑް ލޯ އެންފޯސްމަންޓާއި، ޕްރޮފެޝަނަލް ސްޓެންޑަރޑްސް އަދި ނޭޝަނަލް އިންޓެލިޖެންސް
ސަރވިސް ހިމެނެއެވެ.
މީގެ އިތުރުން އިންޓަރނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް
ސަޕޯޓާއި، ފޮރެންސިކް ސަރވިސަސް، ސެންޓްރަލް އިންވެސްޓިގޭޝަންސް، ސަރވިސް ޑިވެލޮޕްމަންޓް،
ސަރވިސް ސަޕޯޓް އަދި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ ބައިތައް ވެސް ވަނީ ކޮމާންޑް
ލެވެލްގައި ހިމަނާފައެވެ.
ސަރަހައްދީ ގޮތުން ހިދުމަތްތައް ބަހާލެވިފައިވާ
ގޮތަށް ބަލާއިރު، މާލޭ ޕޮލިސް، ހުޅުމާލޭ ޕޮލިސް، ނޮދަން ޕޮލިސް އަދި ސަދަން ޕޮލިސްގެ
ނަމުގައި ވަކި ކޮމާންޑްތަކެއް ވަނީ ކަނޑައަޅާފައެވެ. މިއީ ރައްޔިތުންނާ ގާތުން ހިދުމަތް
ފޯރުކޮށްދިނުމަށްޓަކައި ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.
މި އައު އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ
މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމަށެވެ.
އަދި ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ދައުރު ފުޅާކުރުމާއި،
ރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް،
މުއައްސަސާގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުން ކަށަވަރުކުރުމަކީ
ވެސް މި ބަދަލުގެ މައިގަނޑު އެއް މަގުސަދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.